ޚުޠުބާ: ފުރާނަހިއްޕަވާ ވަޤުތު މަލާއިކަތުން އުފާވެރިކަމުގެ ޚަބަރު ދެއްވަވާނީ އަޅުކަންކުރުމުގަ ދެމިތިބި މީހުންނަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 32ސ
ޚުޠުބާ: ފުރާނަހިއްޕަވާ ވަޤުތު މަލާއިކަތުން އުފާވެރިކަމުގެ ޚަބަރު ދެއްވަވާނީ އަޅުކަންކުރުމުގަ ދެމިތިބި މީހުންނަށް!

މުސްލިމް އަޚުންނޭވެ! ރަމަޟާންމަސް އަހަރެމެންނާ އަލްވަދާޢުކިޔަނީއެވެ. ނަމަވެސް، ހެޔޮ ޢަމަލުކުރުމަކަށް ނިމުމެއް ނާންނާނެއެވެ.

އެހެންކަމުން އަހަރެމެންނަށް އޮތީ ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމެވެ. ޔަޤީންވެގެންވާ މަރު އަހަރެމެންނާ ބައްދަލުކޮށްފުމަށްދާންދެނެވެ. އަޅުކަންކުރުމަކީ، މާތް ﷲ އަހަރެމެން ޚަލްޤުކުރައްވައި، އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ކަމެކެވެ.

މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން  ނަހައްދަވަމެވެ."

އެހެންކަމުން އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭކަމެއް ނޫނެވެ. މުއުމިނުންގެ މުޅި ޙަޔާތުގައި ވެސްއަޅުކަންކުރާން ޖެހޭނެއެވެ. ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވެއެވެ. ރަމަޟާންމަހަކީ އެ ފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. އަދި އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެއެވެ. ހެޔޮ ޢަމަލެއްކުރުމަށް ފަހު، އެންމެ މުހިންމުކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވައިތޯ ދެންނެވުމާއި، އެ ކުރެވުނު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާކުރުމެވެ.  

މުސްލިމް އަޚުންނޭވެ! ރަމަޟާންމަސް އަހަރެމެންނާ ވަކިވަނީ، ޝައްވާލުމަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގުފަހިކޮށްދީފައެވެ. އެހެންކަމުން ތިބާއީ ހެޔޮކަމަށް އެދޭ މީހަކަށް ވާށެވެ! އަދި ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުންހިފާށެވެ! މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ސަވާބު ލިބިގަންނާށެވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ صَامَ رَمَضَانَ، ثُـمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ)[1] މާނައީ: "ރަމަޟާންމަހު ރޯދަހިފައި އެއަށް ފަހު އެއާ ވިދިގެން ޝައްވާލުމަހުން ހަ ދުވަހު ރޯދަހިފި މީހާ މުޅި އަހަރުދުވަހު ރޯދަހިފިފަދައެވެ." އެހެންކަމުން ޝައްވާލުމަހުގެ ހަ ރޯދައަށް ރައްކާތެރިވެ ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމަށް ތިޔަ އެންމެތަކުންނަށް ނަސޭހަތްތެރިވަމެވެ. އެހެނީ ހެޔޮ ޢަމަލުތަކަކީ ނުބައިކަންތައް ފޮހެލާ ކައްފާރާއެކެވެ.

މުސްލިމް އަޚުންނޭވެ! ގިނަގިނައިން ތައުބާވެ، މާތް ﷲއަށް އިސްތިޣުފާރު ކުރާށެވެ! އިސްތިޣުފާރު ކުރުމަކީ، ﷲގެ ހަޟުރަތުގައި ފާފަފުއްސެވުމަށް އެދި ދެންނެވުމެވެ. އެކަލާނގެއީ ތައުބާވާ މީހުންގެ ތައުބާ ޤަބޫލުކުރައްވާ ފާފަފުއްސަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ކޯފާއަށް ވުރެ ރަޙުމަތް ތަނަވަސް، އެކަލާނގެ ޒާތުފުޅަށް ރަޙުމަތް ލާޒިމުކުރައްވައިފައިވާ ރަސްކަލާނގެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ! އެ ކަމަށް އަވަސްވެގަންނާށެވެ! އެކަލާނގެ ރަޙުމަތުގެ ދޮރުކޮޅަކީ އެދޮރުކޮޅުން ވަންނާން ބޭނުން ކޮންމެ މީހަކަށް ހުޅުވިފައިވާ ދޮރުކޮޅެކެވެ. އެ ކަމަށް ނޭދޭ މީހާ ފިޔަވައެވެ! އެފަދަ މީހަކަށް ތިބާ ނުވާށެވެ!

މުސްލިމް އަޚުންނޭވެ! ނިމިގެން މި ދާ ރަމަޟާންމަހު ތިބާގެ ޢަމަލުތައް ހުރި ގޮތާ މެދު ވިސްނައިލާށެވެ! ފަރުޟު ފަސްނަމާދަށް ރައްކާތެރިވީ ފަދައިން ރަމަޟާންމަހަށް ފަހުގައި ވެސް އެ ގޮތުގައި ދަމަހައްޓާށެވެ! ކޮންމެ ދުވަހަކު ޤުރްއާނުން ޞަފުޙާއެއް ނަމަވެސް ކިޔެވޭތޯ ބަލާށެވެ! ހެޔޮ ޢަމަލުކުރުމުގައި ހީވާގިވާށެވެ! ކިތަންމެ މަދުން ކުރެވުނަސް ހުއްޓައިނުލައި ކުރިޔަށްދާށެވެ! އެއީ ނަބަވީ މަންހަޖެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (أَحَبُّ الْأَعْمَالِ إِلَى اللهِ تَعَالَى أَدْوَمُهَا وَإِنْ قَلَّ)[2]  މާނައީ: "މާތް ﷲ ގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، ކިތަންމެ މަދުން ނަމަވެސް، އެ ޢަމަލެއް ކުރުމުގައި ދެމިހުންނަ ޢަމަލެވެ." 

މުސްލިމް އަޚުންނޭވެ! ކުރިން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަގުނަ ހެޔޮ ޢަމަލުތަކެއްކަމުގައި، އަހަރެމެން ދެކިގެންނުވާނެއެވެ. އެހެނީ ކުރެވުނު ހެޔޮ ޢަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއްކަމުގައި ދެކޭ ނަމަ އެ ޢަމަލުތައް ބާޠިލުވެދާނެއެވެ. ﷲ سُبْحَانَهُ وَتَعَالَى ކަހުފު ސޫރަތުގައި ބަޔާންކުރައްވައިފައިވާ ދެ ފިރިހެނުންގެ ވާހަކައިގައިވާ ފަދައިންނެވެ. އެ ތަނުން އެކަކަށްވީ ކިހިނެއްހެއްޔެވެ؟ އެ ދެ މީހުންކުރެ އެކަކަށް، މޭބިސްކަދުރުގެ ދެ ބަގީޗާ މާތް ﷲ ދެއްވެވިއެވެ. އަދި އެ ދެ ބަގީޗާގެ ވަށައިގެން ކަދުރު ރުއްތައް ލެއްވިއެވެ. އަދި އެ ދެމެދުގައި ދަނޑުގޮވާން ވެސް ލެއްވިއެވެ. އެއިން އެއްވެސް އެއްޗަކަށް އުނިކަމެއް ނާދެއެވެ. އަދި އެ ދެ ބަގީޗާގެ ދެމެދުން ކޯރެއް ވެސް ދައުރުވާ ގޮތަށް އެކަލާނގެ އޭނާއަށް ޓަކައި ލެއްވިއެވެ. އަދި އޭނާއަށް އެހެނިހެން މުދާތައް ވެސް ދެއްވިއެވެ. އެހެނަސް އޭނާ، އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން ބޮޑާވެފައި ބުންޏެވެ. "ކަލެޔަށް ވުރެ އަހަރެންގެ މުދާ މާގިނައެވެ. އަދި އަހަރެންގެ ދަށުގައިވާ މީހުން ގިނަކަމުގެ ގޮތުން، ގަދަފަދަވެފައި ޢިއްޒަތްބޮޑެވެ." އަދި އޭނާގެ އަމިއްލަ ނަފުސަށް އަނިޔާވެރިވެގެންވާ ޙާލު، އޭނާގެ ބަގީޗާއަށް ވަދެ ބުންޏެވެ. "ދުވަހަކު ވެސް މި ތަކެތި ހަލާކުވެ ފަނާވެދާނެކަމަށް އަހުރެން ހީއެއްނުކުރަމެވެ. އަދި ޤިޔާމަތްވާނޭ ކަމަކަށް ވެސް އަހުރެން ހީއެއްނުކުރަމެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެ ހަޟުރަތަށް އަހުރެން ރައްދު ކުރެއްވިޔަސް މިއަށް ވުރެ ރަނގަޅު ގޮތް، އަހުރެންނަށް ފެންނާނެކަން ކަށަވަރެވެ." ނަމަވެސް މި ބޮޑާ ބަސްތަކުގެ ސަބަބުން އޭނާގެ މުދާތައް ބަގީޗާތަކާ އެކު اللّٰهُ سُبْحَانَهُ وَتَعَالَى ހަލާކުކުރައްވައި ނެތިކުރެއްވިއެވެ. ދެން އެ ކަމާ ވީ ދެރައިން ދެއަތް ފުރޮޅަފުރޮޅައި އޭނާ ހުރެއްޖެއެވެ.[3] 

މުސްލިމް އަޚުންނޭވެ! އަހަރެމެންނަށް ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ ޢަމަލުތައްކުރުން މަތީގައި ދެމިތިބޭން ޖެހެއެވެ. ކުރެވުނު ޢަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމަކުން، ސުވަރުގެ ޔަޤީންވީކަމަށް އަހަރެމެން ދެކިގެން ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﮋ ﭑ   --- މާނައީ: ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ ﷲއޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބި މީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދުކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ!"  ބިރުވެރިކަމާއި، ހިތާމަކުރުން ނޯންނާނީ ކޮން ބަޔަކަށްހެއްޔެވެ؟ އެއީ މާތް ﷲއީ އެ މީހުންގެ ވެރިރަސްކަލާނގެއޭ ބުނެ، ހެޔޮ ޢަމަލުކުރުން މަތީ އަބަދާއި އަބަދު ދެމިތިބޭ މީހުންނަށެވެ. މުސްލިމް އަޚުންނޭވެ! ބިރެއްނެތް، ހިތާމަކުރުމެއްނެތް ތަނަކީ ސުވަރުގެއެވެ.

މުސްލިމް އަޚުންނޭވެ! ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެކެވެ. މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެއެވެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މި ކަމަށް ސަމާލުވާން ޖެހެއެވެ. ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި، އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭކަމެއްނޫނެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި މި ފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ކަމަށް ޓަކައި، ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެއެވެ. ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ ޢުޒުރުވެރީން ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓާންވާނެއެވެ. މީގެ އިތުރަށް، ފަތުރުވެރީން ވެސް ޢާންމުންގެ ތެރެއަށް ނުކުމެއުޅޭ އިރު، އިޖުތިމާޢީ މިންގަނޑު ހިފެހެއްޓުމަށް އެ މީހުންނަށް އިރުޝާދުދިނުމަށް ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. 

މުސްލިމް އަޚުންނޭވެ! އަހަރެމެންގެ އެންމެ ފަހުގެ މަންޒިލަކީ ކޮބައިކަން ހަނދާންކުރާށެވެ! އެއީ އެތަނުގެ ގަސްތަކުގެ މޭވާތަކާއި ހިޔާ އަބަދަށް ދެމިހުންނަ ސުވަރުގެއެވެ. އެ ގަސްތަކުގެ މޭވާ ބިނުމަށް ފަސޭހަކުރައްވައިފައި ވެއެވެ. އެ ތާނގައި ތަޣައްޔަރުކަމެއްނުވާ ސާފުފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ އާރުތަކާއި، ބޯމީހުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނޭ ރާގެ އާރުތަކާއި، ސާފު މާމުއިގެ އާރުތައް ވެއެވެ. އަދި ޚާލިޞް ރިހީން ތައްޔާރުކުރެވިފައިވާ ކަންވާރުތަކާއިގެން އެއުރެންގެ މެދުގައި ޚިދުމަތްކޮށްދޭން ތިބޭ ކުދީންތައް ވެއެވެ. ބޭކާރު ވާހަކައެއް އެ ތަނުގައި އެއުރެން ނާހާނެއެވެ. އުފުލިގެންވާ ދާންތަކާއި، އެތުރިގެންވާ ބާލީސްތަކާއި، ފެތުރިފައިވާ ރީތި ދޫލަތައް ވެސް އެ ތާނގައި ވެއެވެ. އެ ތަނުގައި އަށް ދޮރުކޮޅު ވެއެވެ. އޭގެތެރޭގައި އައްރައްޔާނޭ ކިޔުނު ދޮރުކޮޅެއް ވެއެވެ. އެ ދޮރުކޮޅުން ރޯދަވެރީންނަށް މެނުވީ ނުވަދެވޭނެއެވެ. އެ ތަނަށް ވަދެއްޖެ މީހާ އުފާވެރިކަމާ އެކު، ތާއަބަދަށް އެ ތާނގައި ދިރިއުޅޭނެއެވެ. ޒުވާންކަމަށް ބަދަލު އައުމެއް ނެތިއެވެ. މިއީ މާތް ﷲ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވާ ސުވަރުގެއެވެ. އަދި މާތް ރަސޫލާ z ސިފަކޮށްދެއްވައިފައިވާ  ސުވަރުގެއެވެ. ސުވަރުގެއަކީ، އަހަރެމެންގެ މަންޒިލުކަމުގައި ނަހަދައިފި މީހަކު އެއްލައިލެވޭނެ ތަނަކީ، ނަރަކައެވެ. އެއީ ކަސްތޮޅު އެޅިގެން ތިބޭންޖެހޭ އަނދައަނދާ ހުރި އަލިފާނުގެ ގޮވައްޗެވެ. އަލިފާނުގެ ފާރުތަކުން އެއުރެން ވަށާލެވިފައިވެއެވެ. އެމީހުންގެ މަތީގައި އަލިފާނުގެ ފަށަލައެއް، އަދި ދަށުގައި އަލިފާނުގެ ފަށަލައެއް ވެއެވެ. ކޮންފަދަ ވަރުގަދަ އަލިފާނެއްހެއްޔެވެ؟ ގައިގެ ހަން އަންދައި ކަޅުކޮއްލާ އަލިފާނެވެ. ކީރިތި ޤުރްއާނާއި ރަސޫލާ zގެ ސުއްނަތުގައި މި ވާހަކަތައް ބަޔާންކުރައްވައިފައި ވެއެވެ.  

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ރަމަޟާންމަހު ހެޔޮ ޢަމަލުކުރުމަށް ތައުފީޤުދެއްވި ފަދައިން ރަމަޟާންމަހަށް ފަހުގައި ވެސް ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އަޅަމެންނީ ވޭންދެނިވި ނަރަކައިން މިންޖުކުރައްވައި، ސުވަރުގެވަންތަވެރީން ކަމުގައި ލައްވާނދޭވެ! އަޅަމެންނީ، ދިރިތިބިހައި ހިނދަކު ހެޔޮޢަމަލުކުރުންމަތީ ދެމިތިބޭ ބަޔަކު ކަމުގައި ލައްވާނދޭވެ!

މިއަދު އޮންލައިން