ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނިކޮށް ގެއްލިގެން ހޯދަމުންދިޔަ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް މިއަދު ހެނދުނު ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، އިޤްބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރުއެވެ. އޭނާ ފެނުނުއިރު އޮތީ އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގެ ކައިރީގައެވެ. އިޤްބާލް ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނުކުތް ބަޔަކަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އިޤްބާލް ގެއްލިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 20:48 ހާއިރުއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ކަނޑުމައްޗަށް ނިކުމެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކުޑަ ޑިންގީއެއްގައި އެކަނިމާ އެކަންޏެވެ. އަދި އޭނާ ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތްކަންވެސް ފުލުހުން ފާހަގަކުރެއްވިއެވެ.
މި ހާދިސާއާ ގުޅިގެން އިޤްބާލް ހޯދުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، މި މަސައްކަތުގައި އެކި ގޮތްގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޝުކުރު އަދާކޮށްފައެވެ.