އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ލ. އިސްދޫ އަދި ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ. މި މަޝްރޫޢަކީ އެ ދެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން އިސްދޫ އާއި ކަލައިދޫ ހިމެނޭހެން ޖުމްލަ 4.39 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އިސްދޫ އާއި ކަލައިދޫއަކީ ގުދުރަތީ ގޮތުން އެއް ބިމެއްގައި އޮންނަ، ނަމަވެސް އިދާރީ ގޮތުން ވަކި ދެ ރަށެވެ. މި ދެ ރަށުގެ ޖުމްލަ އާބާދީ 1,600 އަށްވުރެ މައްޗަށް އަރައެވެ.

މަގުހެދުމުގެ މި މަޝްރޫޢަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނެ ކަމަށް އާރްޑީސީން މަޢުލޫމާތުދެއެވެ. މަސައްކަތުގެ ތެރޭގައި ރަށުގެ މައި ބޮޑެތި މަގުތަކާއި، އާންމު ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާތަކާއި މުއައްސަސާތައް ހިމެނޭ ސަރަޙައްދުތަކުގެ މަގުތައް ތަރައްޤީކުރުން ހިމެނެއެވެ.

މަގުތަކުގައި ތާރު އެޅުމުގެ އިތުރުން، ވާރޭވެހި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ. މިއީ އެ ސަރަޙައްދުގެ އުމްރާނީ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރަސްމީކޮށް އިފްތިތާހުކޮށްދެއްވި މަޝްރޫޢެކެވެ. މަސައްކަތް ނިމުމުން، ދެ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން