މ. ވޭވަށުގައި ޤާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ވޭވަށު އައިސް ޕްލާންޓު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 27 ސެޕްޓެމްބަރު 2025 ގައެވެ. މި މަޝްރޫޢަކީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މަސައްކަތެކެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. އަދި މިހާރު ކުރިއަށްދަނީ އައިސް ޕްލާންޓު އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ.
ވޭވަށުގައި އަލަށް ޤާއިމުކުރާ މި އައިސް ޕްލާންޓަކީ ދުވާލަކު 60 ޓަނުގެ ފްލޭކް އައިސް އުފެއްދުމުގެ ޤާބިލުކަން ހުންނަ ޕްލާންޓެކެވެ. މީގެ އިތުރުން، މި ޕްލާންޓާއެކު 100 ޓަނުގެ އައިސް ރައްކާކުރެވޭނެ ސްޓޯރޭޖް ފެސިލިޓީއެއް ވެސް ޤާއިމުކުރެވޭނެއެވެ.
މި އައިސް ޕްލާންޓުގެ މަސައްކަތް ނިމުމުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަދި މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށާއި، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށް މަގުފަހިވެގެންދާނެ މުހިންމު މަޝްރޫޢެކެވެ.