މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ބީއެމްއެލްއިން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ބީއެމްއެލްއިން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް އެ ބޭންކުން ނިންމައިފިއެވެ. މިއީ ބޭންކުގެ ތާރީޚުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.

ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި، ހިއްސާއަކަށް 60 ރުފިޔާގެ މަގުން ޖުމުލަ 322 މިލިޔަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ވަނީ ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ ބޭންކަށް މިދިޔަ އަހަރު ލިބުނު ރަނގަޅު މާލީ ނަތީޖާއަށް ބިނާކޮށެވެ.

ބޭންކުގެ 43 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިންގާ މާރިޗު މަހުގެ 28 ވަނަ ދުވަހުއެވެ. ބީއެމްއެލުން ވިދާޅުވީ މި ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މި އަހަރުގެ ޖަލްސާގައި ބައިވެރިވުމަށް ތިން ގޮތެއް ވަނީ މަގުފަހިކޮށްދީފައެވެ. އެއީ ޖަލްސާއަށް ހިއްސާދާރު އަމިއްލައަށް ހާޟިރުވުމާއި، އޮންލައިން ޒަރީއާއިން ބައިވެރިވުން ނުވަތަ ޕްރޮކްސީއެއް މެދުވެރިކޮށް ބައިވެރިވުމެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 9:00 ގެ ނިޔަލަށް ރަޖިސްޓަރީވާން ޖެހެއެވެ.

މީގެ އިތުރުން، ހިއްސާދާރެއްގެ ބަދަލުގައި ޖަލްސާއަށް ހާޟިރުވެ ވޯޓް ދިނުމަށް އެހެން ފަރާތެއް ފޮނުއްވާނަމަ ނުވަތަ އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުންވެސް، އެންމެ ލަސްވެގެން މިމަހުގެ 26 ގެ ކުރިން އެކަން ހުށަހަޅަން ޖެހޭނެ ކަމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން