ޚިޔާލު ހޯދުމުގެ ވޯޓުގައި އެމީހަކަށް ފެންނަ ރައުޔެއް ބުނެދިނުމަކީ މުހިންމުކަމެއް: އީސީގެ ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޚިޔާލު ހޯދުމުގެ ވޯޓުގައި އެމީހަކަށް ފެންނަ ރައުޔެއް ބުނެދިނުމަކީ މުހިންމުކަމެއް: އީސީގެ ރައީސް

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ކޮންމެ މީހަކަށްވެސް ފެންނަ ރައުޔެއް ބުނެދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޒާހިދު ވިދާޅުވީ، މި ރިފަރަންޑަމް އަކީ ރާއްޖޭގައި ބޭއްވޭ އެންމެ މުހިންމު ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާނީތޯ ނުވަތަ ނޫންތޯ ރައްޔިތުންގެ ކައިރީގައި އަހާ ސުވާލެއް ކަމަށެވެ. އެހެންކަމުން މިކަމުގައި ރައްޔިތުން ބޭނުންވާ ގޮތް ބުނެދިނުމަށް ގިނަ ބަޔަކު ނުކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯ އެމީހަކަށް ފެންނަ ރައުޔެއް ބުނެދިނުމަކީ މުހިންމުކަމެއް،" ޒާހިދު ވިދާޅުވިއެވެ.

ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޓީވީ، ރޭޑިއޯ އަދި ސޯޝިއަލް މީޑިއާގެ އެކި މަންސަތަކުގައި ޕޯސްޓަރުތައް ބޭނުންކޮށްގެން މައުލޫމާތު ފެތުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އީސީގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮމިޝަނުން ތައްޔާރުކުރާ ޕޮޑްކާސްޓްތަކުގެ ޒަރިއްޔާއިންވެސް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒާހިދު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ހިމެނޭ ލީފްލެޓްތައް ތައްޔާރުކޮށް، މާލޭގެ އިތުރުން އަތޮޅުތަކަށް އެތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމްތައްވެސް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ ވޯޓާ ގުޅޭގޮތުން ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން