ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން، ޤަވާއިދާ ޚިލާފަށް އުޅުނު ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިޤްރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބިދޭސީން އަތުލައިގަނެފައިވަނީ މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމް.އެމް.ސީ.ޕީ) ގެ ދަށުން މާލެ އަދި ހުޅުމާލޭގެ އެކި ސަރަޙައްދުތައް ބަލައި ފާސްކުރުމަށް ހިންގި ޚާއްޞަ ހަރަކާތްތަކުގެ ތެރެއިންނެވެ.
މި އޮޕަރޭޝަނުގެ ތަފްސީލް ހިއްސާކުރަމުން އިމިޤްރޭޝަނުން ވިދާޅުވީ، މާލެއާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 59 ބިދޭސީއަކު ހުއްޓުވައި ޗެކްކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ތިން ބިދޭސީންނެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މިގޮތުން އިމިޤްރޭޝަނުން ދަނީ ތަފާތު އެކި ޕްރޮގްރާމްތައް އެކުލަވާލައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މާލެއާއި އަތޮޅުތެރޭގައި ސިލްސިލާ އޮޕަރޭޝަންތައް ހިންގަމުންނެވެ.