މިދައްކަނީ މުސްލިމުން ކޮށްގެން އުޅޭ ދިރާސާއެއްގެ ވާހަކައެއް ނޫނެވެ.
ތަފާތުދީންތަކުގެ ޢިލްމްވެރިން ކޮށްފައިވާ ދިރާސާއެއްގެ ވާހަކައެވެ. އެދިރާސާއިން ޔަޤީންކޮށްދެނީ ރަނގަޅު ގޮތުގައި މައިންބަފައިންނާ ގުޅުން ބާއްވާނަމަ މާޔޫސްވާންޖެހުން ކުޑަވާކކަމެވެ. އަދި މާޔޫސްވާންޖެހުނަސް ކޮންޓްރޯލް އެމީހެއްގެ އަތުން ގެއްލިގެން ނުދާކަމެވެ.
ސަބަބަކީ ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިޔަސް މައިންބަފައިންގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އޮންނާތީއެވެ. ހިތްދަތިވާންޖެހޭ ޙާލަތެއް ކުރިމަތިވިނަމަވެސް ބައްދާލައި ލޯތްބާއި އަޅއިލުން ދޭނެކަމުގެ ޔަޤީންކަން އޮންނާތީއެވެ.
ދިރާސާގައި ބުނެފައިވަނީ މިފަދަ މީހުންނަށް ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ޘާބިތުކަން ލިބިގަންނަ ކަމަށެވެ. އަދި އަމިއްލައަށް މަރުވުން ފަދަ ކަންކަން ކުރިމަތިނުވާކަމަށެވެ.
ދެން މިބުނަނީ އެންމެ މުހިންމު ވާހަކައެވެ. އެވާހަކައަކީ ކަންކަން މިހެންހުރިއިރު ތިމާއާއި ﷲ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ރަނގަޅު ގޮތުގައި ބާއްވާނަމަ ކުރާނެ ފައިދާތަކަށް ވިސްނައިލުމަށެވެ. ދަތިއުނދަގޫ ޙާލަތުގައިވެސް އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެ މިންވަރާއިމެދު ނިކަން ވިސްނައިލަބަލާށެވެ!
ދަރިންނާއި ަމއިންބަފައިންނާއި ދެމެދުގައި ކިތަންމެ ބަދަހިގުޅުމެއް އޮތަސް ހިތުގެ މިލްކުވެރިފަރާތަކީ ﷲ ތަޢާލާއެވެ. ހިތަށް ހމަޖެހުން ލިބުމާއި ހެޔޮ ގޮތް މިވަރުކުރެއްވެވުމުގެ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީވެސް ހަމައެކަނި ﷲ ތަޢާލާއަށެވެ. ހަމައެކަނި އެކަންކަމަށް ވިސްނައިލިނަމަވެސް ﷲ ތަޢާލާ އާއި ތިމާއާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ރަނގަޅު ގޮތުގައި ބާއްވާނަމަ އެމީހަކަށް ކުރާނެ ފައިދާ ވިސްނޭނެއެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން