ދެމަފިރިންނާއި ދެމަފިރިންނަށް ލިބިފައިވާ 4 ދަރިން އެކުގައި ތިބެފައި ފިރިމީހާ ބުންޏެވެ.
"މިގޭގެ ހުރިހާ ކަމެއް މިބަލަހައްޓަނީ އަހުރެންނެވެ. ހުރިހާ ޚަރަދުތަކެއް ކުރަނީ އަހުރެންނެވެ. ތިބާ މިގެއަށް ކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ މިގެއަށް ވައްދަނީ ކޮންއެއްޗެއް ހެއްޔެވެ؟"
އަނބިމީހާ މަޑުކޮށްލިއެވެ. ދޭނެ ޖަވާބަކަށް ވިސްނައިލުމަށެވެ. އެކަމަކު ކުދިންނަކަށް ކެތެއް ނުކުރެވުނެވެ. 12 އަހަރުގެ ދަރިފުޅު ބުންޏެވެ. "ބައްޕައާއި އަހުރެމެންނަށް ހެނދުނު ހެނދުނާ ސައިހަދައިދެއެވެ. ބައްޕަ އޮފީހަށްދާން ތައްޔާރުވާން ކޮށްދޭންޖެހޭ ކަންކަން ކޮށްދެނީ މަންމައެވެ. އަޅުގަނޑުމެންނަށް ސައިދީ ތައްޔާރުކޮށްދީ ސްކޫލަށް ގެންގޮސްދެނީ މަންމައެވެ. ބައްޕަ ހެނދުނުހެނދުނާ ގެއިން ނުކުމެގެންދާތީ މަންމަ ކޮށްދޭ ކަންކަން ނުފެންނަނީއެވެ."
10 އަހަރުގެ ދަރިފުޅު ބުންޏެވެ. "އަހުރެމެން ބަލިވީމާ ޑޮކްތަރަށް ގެންދަނީވެސް މަންމައެވެ. ހޭލައި އިނދެގެން ކަންކަން ކޮށްދެނީ މަންމައެވެ. ބައްޕަ އަބަދު ބިޒީއެވެ."
8 އަހަރުގެ ދަރިފުޅު ބުންޏެވެ. "ކޮއްކޮ ގޮވައިގެން ޕާކަށްދަނީވެސް މަންމައެވެ. ބައްޕައަށް ދެވެނީ ވަރަށް މަދު ދުވަހަކުއެވެ."
އަނެއްކާވެސް 12 އަހަރުގެ ކުއްޖާ ބުންޏެވެ. "މަންމަ އަހުރެމެންނަށް ކޮށްދޭ ކަންކަން ބައްޕައަށް ކޮށްދެވިދާނެ ހެއްޔެވެ؟"
އަނބިމީހާ ބުންޏެވެ. "ކުދިން އެބުނީ އެކުދިންގެ ވިސްނުމެވެ. ގޭގެކަންކަން ކުރަމުން ކުދިން ބެލުމަކީ ކުޑަކަމަކީ ހެއްޔެވެ؟ ކަލަތިއަގޮވަނީ އަހުރެންގެ މަސައްކަތުން ފައިސާނުވައްދާތީއެވެ. އަހުރެން މިކުރާ މަސައްކަތް ތިބާކުރާށެވެ! މަސައްކަތްކުރަން އަހުރެންނަށް ފުރުޞަތުދޭށެވެ. އެއަށްފަހު ތިއަކަލަ ގޮވާށެވެ!"
ފިރިމީހާ ވަރަށް ދެރަވެފައި ބުންޏެވެ. "އަހުރެންނަށް މިހެން ބުނެވުނީ އެކުވެރިން ދައްކާ ވާހަކަތަކުގެ އަޑުއިވޭތީއެވެ. ދެން ދުވަހަކުވެސް މިބާވަތުގެ ވާހަކައެއް ނުދައްކާނަމެވެ. އަހުރެންނަށް މާފުކުރާށެވެ!"
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންކަން ވީގޮތެވެ. މާގިނަ ވާހަކަތަކެއް ބުނާކަށް ނެތީމެވެ. އަނބިންކުރާ މަސައްކަތުގެ އަގުވަޒަންނުކުރެވޭ މީހުންނަށް މިވަރުން ފުދޭނެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް