މާބަނޑުއިރު ހުރިހާ ވޭންތަކެއް އަޅާނީ މައިމީހާއަށެވެ.
އެހެނަސް އަނބިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅަކީ މައިމީހާގެ ބަނޑުގައި އޮތްނަމަވެސް އެއް ނަޒަރަކުން ބަލައިފިނަމަ އަނބިމީހާގެ އެއްވެސް ބާރެއްވެސް އޮންނަ ދަރިއެއް ނޫނެވެ. އެހެން ބުނަން ޖެހެނީ އެދަރިފުޅުގެ މައްޗަށް ހުރިހާ ބާރުތަކެއް ލިބިގެންވަނީ ދަރިފުޅުގެ ބައްޕައަށް ކަމުގައިވާތީއެވެ. އެދަރިފުޅަށް ޚަރަދުކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކުރައްވަވާފައިވަނީ ބައްޕައާއި ކަމަށްވާތީއެވެ.
އެހެންކަމާއިއެކުވެސް މާބަނޑުއިރު ވަރިކޮށް ނިކަމެތިކޮށްލާ ފިރިންވެސް ތިބޭކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އެގޮތަށް ދެމައިން ނިކަމެތިކޮށްލާއިރު އެންމެ ކުޑަމިނުން އެދަރިފުޅު އުފެދުނީ ތިމާގެ އަމިއްލަ ލެއިންކަމާއިމެދު ވިސްނައިލާނަމަވެސް އެބާވަތުގެ އަނިޔާވެރި ކަންކަމެއް ނުކުރާނެއެވެ. ޚާއްޞަކޮށް އެދަރިފުޅަށްޓަކައި ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާނީ ކޮންފަދަ ބޮޑު ރަޙްމަތެއްކަމާއިމެދު ވިސްނނައިލާ މީހަކުވެސް އެފަދަ ކަންކަމެއް ނުކުރާނެއެވެ.
މީގެ އިތުރުން ވަރިކުރިނަމަވެސް އަނބިމީހާ ވިހެއުމުގެ ހުރިހާ ކަމަކާއި ވިހައި ގަދަވަންދެން އަނބިމީހާގެ ހުރިހާ ޒިންމާތަކެއް އުފުލަންޖެހޭނީ ތިމާކަމާއި އެކަން ނުކޮށްފިނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަމާއިމެދު ވިސްނާލައި ބިރުވެތިވާ މީހަކުވެސް އެފަދަ އަނިޔާއެއް އަނބިމިހާއަށާއި ދަރިފުޅަކަށް ނުދޭނެއެވެ.
ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ ޒިންމާތައް އަދާނުކޮށް މިއަދު ހުރެވިދާނެއެވެ. ނަމަވެސް ކުރިން މިބުނިފަދައިން އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ދުވަސް އަންނާނެއެވެ. ބުއްދިވެރިންނަކީ އެކަމަށް ވިސްނައިގެން ކަންކަންކުރާ މީހުންނެވެ. އާޚިރަތަށް ވިސްނާމީހުންނަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން