ބައިވެރިޔާގެ ވާހަކަ ޢާއިލާގެ މީހުންގެ ގާތުގައިވިޔަސް، އެންމެ ގާތް ރަޙްމަތްތެރިންގެ ގާތުގައިވިޔަސް އޭނާ ހިތް ނުރުހޭނެ މަގަކުން ނުދައްކާށެވެ! އަދި ބައިވެރިޔާގެ ކިބައިގައި ހުންނަ ކޮންމެ އުނިސިފައަކީ އެހެން މީހުންނަށް އަންގަން ޖެހޭނެ ކަންކަމެއް ނޫނެވެ.
ދެމަފިރިންކުރެ ކޮންމެ މީހަކު ނަމަވެސް ބައިވެރިޔާގެ ވާހަކަ އޭނާ ނުރުހޭނެ ގޮތަކަށް ދެއްކުމަކީ ކުރެވޭ ފާފައެކެވެ. މައްސަލައެއް ޖެހިއްޖެނަމަ އެކަމުގެ ޙައްލުހޯދަން ފުރަތަމަ މަސައްކަތްކުރަންވާނީ ދެމީހުންގެ މެދުގައެވެ. ދެމީހުންގެ މެދުގައި މަޝްވަރާކޮށްގެން ޙައްލު ނުހޯދިއްޖެނަމަ ހެޔޮލަފާ އިތުބާރުކުރެވޭ މީހުންނާއި މަޝްވަރާކޮށް ލަފާ ހޯދުން ހުއްދައެވެ.
އެގޮތުން އެހެން މީހަކަށް ކިޔައިދޭއިރުވެސް ހާމަކުރަންވާނީ ކޮންމެހެން ހާމަކުރަންޖެހޭ ކަންކަމެވެ. ކޮންމެހެން ހާމަކުރަން ޖެހޭ މިންވަރަށެވެ. ލިބިފައިވާ މާޔޫސްކަމުގައި އިމުން ބޭރުވެގެން ނުދާށެވެ. ކޮންމެހެން ދައްކަން ނުޖެހޭވާހަކަ، ޖެހިގެން އުޅޭ މައްސަލަ އާއި ގުޅުން ނެތް ވާހަކަތައް އެއްވެސް މީހަކަށް ކިޔައިނުދޭށެވެ. ނޫންނަމަ މައްސަލަ ޙައްލުވުމުގެ ބަދަލުގައި އިތުރަށް ގޯސްވުން އޮންނާނީ ދާދި ދާތުގައެވެ.
ހަމަ އެއާއިއެކު އެއްކަމެއް ހަނދާންކޮށްލައިދޭނަމެވެ. މައްސަލައެއް ޖެހުނަސް ދަރިންގެ ކުރިމަތީގައި ދެމަފިރިން އެކަކު އަނެކަކަށް އިޙްތިރާމްކުރަންވާނެއެވެ. ބޭއަދަބީ ބަސްތައް ބުނެ ހަރުކަށި ޢަމަލުތައް ކުރުން ފަދަ ކަންކަން ކޮށްގެން ނުވާނެއެވެ. އެކަމަށް ދެމީހުންވެސް ސަމާލުކަން ނުދީފިނަމަ ދަރިން އެކަންކަން ކޮޕީކުރާނެއެވެ. އަދި މައިންބަފައިންނަށް ކުރާ އިޙްތިރާމްވެސް ބޮޑުތަނުން ކުޑަވެގެންދާނެއެވެ.
- އުސްތާޛާ ހީނާ ޚާން މުޚްތާރުގެ ދަރުސަކުން