ކައިވެނިކުރަންވެގެން އުޅުނުއިރު ބުނީ ކައިވެނިކުރުމަށްފަހު މަސައްކަތްކުރަން ނުދެވޭނެކަމަށާއި އިންނަން ޖެހޭނީ ގޭގައި ކަމަށެވެ. ފިރިމީހާގެ ޚިދުމަތުގައި ކަމަށެވެ. އެކަންކަން އަހުރެން ޤަބޫލުކޮށް ވަޒިފާއިން ވަކިވެ ގޭގައި އިންނަން ފެށީމެވެ.
މާގިނަ ދުވަހެއް ނޫނެވެ. 2 މަސްވީތަނާ ބުނަންފެށީ ވަޒީފާއަދާކޮށް ފައިށާ ހޯދުމަށެވެ. ވަޒިފާއަދާނުކުރާތީ ފުރައްސާރަވެސް ކުރަން ފެށިއެވެ. އެހެންވެ ވަޒީފާއެއް ހޯދައިގެން އަނެއްކާވެސް މަސައްކަތްކުރަންފެށީމެވެ.
އަހުރެންނަށް ޢާންމުކޮށް އެނބުރި އައުދެވެނީ 7 ޖަހާއިރުއެވެ. އެއްދުވަހަކު އައިތަނާ އެއްޗެތިގޮވަންފެށީ ކާނެ އެއްޗެއް ނެތިގެންނެވެ. އެއްޗެތި ގޮވަމުން ގޮސް ދެފަހަރު މޫނުމަތީގަ ޖެހުމުން އަހުރެންވެސް ޢޭނާގެ މޫނުގައި ޖަހާފައި ބުނީމެވެ. "ބުނަން ހެއްޔެވެ؟ އަހުރެން ފަތިހު 4 ޖަހާއިރު ތެދުވަމެވެ. މަސައްކަތުދަނީ ކައްކައި ހުރިހާ ކަމެއް ކޮށްފައެވެ. ކަލެއަށް ކުރިން އާދެވިއްޖެނަމަ، ބަނޑުހައިވެފައި ހުރިނަމަ ކުރަންޖެހޭނެ ކަމަކީ ހޫނުކޮށްލައިގެން ކެއުމެވެ."
ފިރިމީހާ ބުނީ އެގޮތް ޤަބޫލުނުކުރާނެ ކަމަށެވެ. ވަޒީފާއިން ވަކުވުމަށާއި މާދަމާއިން ފެށިގެން ވަޒިފާއަށް ނުދެވޭނެކަމަށެވެ. އެހެން ބުނުމުން ކުރިން ދެފަހަރު ދެގޮތަށް ދެއްކި ވާހަކަތައް ހަނދާންކޮށްދިނީމެވެ. އަދި ވަޒީފާއިން ވަކިނުވާނެކަމަށް ބުނީމެވެ. އަދި އަހުރެންގެ ގައިގައި ޖެހިޖެހުން ޤަބޫލުނުކުރާތީ ދުރުހެލިކޮށް އުޅެން ފެށީމެވެ.
ދުވަސްކޮޅެއްވީތަނާ މާފަށް އެދިފައި ކުރިންވެސް އުޅުނު ގޮތަށް ލޯބިން އުޅެދިނުމަށް އެދުމުން ބުނީމެވެ. "ދެން އޮތީ އެންމެ ގޮތެކެވެ. ބޭނުންނަމަ ޤަބޫލުކުރާށެވެ. ބޭނުންނުވާނަމަ ޤަބޫލުނުކުރުމަކުން މައްސލައެއް ނެތެވެ. ގޭގެ ޚަރަދުގެ އެއްބައި އަހުރެން ޚަރަދުކުރަމެވެ. އެހެންވީމާ ދެންޖެހޭނީ މަސައްކަތްވެސް ބަހާށެވެ. ބޭނުމިއްޔާ ހެނދުނު މަސައްކަތްކުރާށެވެ. ނޫނީ ހަވީރު މަސައްކަތްކުރާށެވެ. ގޭގެ މަސައްކަތްކުރުމުގައިވެސް ވާންޖެހޭނީ ހަމަހަމައެވެ."
ފިރިމީހާ އިޚްތިޔާރުކުރީ ހަވީރު މަސައްކަތްކުރާށެވެ. އަހުރެން ބުނީމެވެ. "މައްސަލައެއް ނެތެވެ. ހެނދުނުގެ ސައި އަހުރެން ތައްޔާރުކުރާނަމެވެ. ޜޭގަނޑުގެ ކެއުން ތިބާ ކައްކާށެވެ. އެއިރުން ފުރިޖުން ނަގައި ހޫނުކޮށްގެން ކާކަށް ނުޖެހޭނެއެވެ. އަހުރެންގެ އެއްޗެތި އަހުރެން ދޮވެ އިސްތިރިކުރާނަމެވެ. ތިބާގެ އެއްޗެތި ތިބާދޮވެ އިސްތިރިކުރާށެވެ."
ފިރިމީހާ ބުނީ އެކަންކަންވެސް ޤަބޫލުކުރާ ކަމަށެވެ. އެހިސާބުން ދެމީހުން ސަލާންކޮށްފައި އެކުގައި އުޅެންފެށީއެވެ. ދުވަސްކޮޅެއްވީއިރަށް ކުރަންޖެހޭ މަސައްކަތްގިނަވެ ނުކުރެވެން ފަށައިފިއެވެ. ކރިން އުޅުނު ގޮތަށް އުޅެން ބޭނުންވެގެން ޢާދޭސްކުރަން ފަށައިފިއެވެ. އޭނާގެ އާދޭސް އަހުރެން ޤަބޫލުކުރީމެވެ.
ކައިވެންޏަށް މިހާރު ދިހައަހަރުވީއެވެ. އެއްވެސް މައްސަލައެއް ނުޖެހެއެވެ. ޒުވާބުކުރާކަށް ނުޖެހެއެވެ. އަހުރެން ބުނާނީ އަނބިމީހާ ކޮށްދޭ ކަންކަމުގެ އަގުވަޒަންނުކުރާ ފިރިންނަށް ކަންކަންކުރަން އޮތީ މިގޮތެވެ. މިގޮތަށް ކަންކަން ބަދަލުކުރަން އެއްބަސްނުވާނަމަ ފައިދާކުރާނީ އަވަހަށް ދެމީހުން ވަކިވުމުންނެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ވަރަށް ޢިބްރަތްތެރި ފިލާވަޅަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.
- ވަދީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް