ހެޔޮލަފާ މީހުންނަށް ހުވަފެނުގަ ފެންނަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންޑޭންވާނެއެވެ. އެއީ ކުޑަ ކަމެއްކަމަށް ހީކޮށް ފަރުވާކުޑަކޮށްނުލާށެވެ! އެއީ ﷲ ތަޢާލާ ތިބާއަށް ކުރެއްވެވި އިލްހާމަކަށްވުމަކީ ދާދި ގާތުގައި އޮތްކަމެކެވެ.
ވިސްނާލަަންވީ މިޢާޔަތަށެވެ.
ﷲ ތަޢާލާ ޝޫރާ ސޫރަތުގެ 51 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِن وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ ۚ إِنَّهُ عَلِيٌّ حَكِيمٌ ﴿٥١﴾
މާނައީ وحى އަކުން (އެބަހީ: إلهام އަކުން، ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން، ނުވަތަ ملائكة އަކު ފޮނުއްވައި، އެކަލާނގެ إذن ފުޅާއެކު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް وحى ކުރެއްވުމުންމެނުވީ، އެއްވެސް آدم ގެދަރިޔަކަށް اللَّه ބަސް وحى ކުރެއްވުމެއް ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މަތިވެރިވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. (51)
މިއާޔަތުން އެނގޭ ގޮތުގައި: " إلهام އަކުން، ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން، ނުވަތަ ملائكة އަކު ފޮނުއްވައި، އެކަލާނގެ إذن ފުޅާއެކު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް" وحى ކުރައްވަވައެވެ.
ވީމާ ފެންނަ ހުވަފެންތަކަށް ސަމާލުކަންދޭށެވެ. ޚާއްޞަކޮށް ހެޔޮ ޢަމަލުކުރުން އިތުރުކުރަން ފެންނަ ހުވަފެންތަކަށް ސަމާލުކަންދިނުން އިތުރުކުރަންވާނެއެވެ. ހަމައެއާއިއެކު ނުރަނގަޅުކަމެއް ކުރެވެން އުޅެނިކޮށް އެކަން ނުކުރަން ހުވަފެނުގައި ފެނިއްޖެނަމަ ވަކިން ބޮޑަށް ސަމާލުކަންދޭންވާނެއެވެ. މިއިން ކޮންމެ ކަމަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުން ލިބުނު އިލްހާމަކަށްވެދާނެ ކަމަށްޓަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން