ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އޮބްޒާވްކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މި އިންތިޚާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ތިން އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ފެބުރުވަރީ މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުސަތު ދިނުމުގެ ގޮތުން، އިންތިޚާބު އޮބްޒާވްކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މީގެ ކުރިން ވަނީ އިތުރުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް އެދި ސިޔާސީ ޕާޓީތަކުން ކޮމިޝަނަށް ހުށަހަޅާފައިވާތީ، އެ ފުރުސަތު އަލުން ހުޅުވާލަން ނިންމީ ކަމަށެވެ. އަލަށް ދިން މުއްދަތަކީ މާދަމާގެ ދަންވަރު 12:00 އާ ހަމައަށެވެ.
މި އިންތިޚާބުގައި އޮބްޒާވަރުގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ. ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނީ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށް ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑަށް އިޤުރާރުވާންޖެހޭނީވެސް އިލެކްޝަންސްގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. މި ނިންމުމާއެކު އިންތިޚާބުގެ ކަންކަން ގާތުން ބަލަން ބޭނުންވާ ފަރާތްތަކަށް އިތުރު ލުޔެއް ލިބިގެންދާނެއެވެ.