ފިޠުރު ޒަކާތް ގޮވާމުގެ ބާވަތްތަކުން ބަލައިގަންނަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ފިޠުރު ޒަކާތް ގޮވާމުގެ ބާވަތްތަކުން ބަލައިގަންނަން ފަށައިފި

މިއަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް ގޮވާމުގެ ބާވަތްތަކުން ބަލައިގަތުމުގެ މަސައްކަތް މޯލްޑިވްސް ޒަކާތު ހައުސްއިން ފަށައިފިއެވެ. އެ އިދާރާއިން ވިދާޅުވީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ ވަކި ދުވަސްތަކެއްގައެވެ. އެގޮތުން މި މަހުގެ 14 އަދި 15 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:00 އަށް ޒަކާތް ބަލައިގަންނާނެއެވެ. އަދި މި މަހުގެ 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 15:00 އަށް ޒަކާތް ދެއްކުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މާލޭ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (CHSE) ގައެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ބާވަތްތަކުގެ ތެރޭގައި އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް ހިމެނެއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވާ ގޮތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ އެ މީހަކު އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. މި އިންތިޒާމަކީ ފައިސާގެ ބަދަލުގައި ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް ފަހިކޮށްދީފައިވާ ފުރުޞަތެކެވެ.

މިއަދު އޮންލައިން