ޢީދާ ދިމާކޮށް ރާއްޖޭގެ ރަށްތައް ޒީނަތްތެރިކުރުމަށް ހިންގާ "ޢީދު އަލި" ހަރަކާތް، މިފަހަރު ހަމައެކަނި ރާއްޖޭގެ ފަސް ސިޓީއެއްގެ ވަކި ސަރަހައްދުތަކެއްގައި ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމަވައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން އިޤްތިޞާދީ ގޮތުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.
މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދިމާވެދާނެ ކަންކަމަށް ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރިއަށްއޮތް ފިޠުރު ޢީދުގައި ރަށްތައް ދިއްލާލުމާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
މިކަމާ ގުޅޭގޮތުން ކޮމިޓީގެ ޗެއަރ އަދި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، އިޤްތިޞާދީ ހާލަތަށް ބަލައި މިފަހަރުގެ ޢީދުގައި އަތޮޅުތަކުގެ ރަށްރަށުގައި ބޮކިފަތި ހަރުނުކުރާނެ ކަމަށެވެ. "ފިތުރު ޢީދު ދިއްލުން ރަށްރަށުގައި މިވަގުތު ނުބާއްވާ ގޮތަށް، ހަމައެކަނި ރާއްޖޭގެ ފަސް ސިޓީގައި މިކަން ކުރިއަށް ގެންދާ ގޮތަށް. އެވެސް ކަނޑައެޅޭ ވަކި ލޮކޭޝަންތަކެއްގައި،" ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ މި ނިންމުމާއެކު، ޢީދު ބޮކިތަކުން ދިއްލާލުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ އިތުރުން، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ. މިއީ މީގެ ކުރިން ބޮޑު ޢީދާ ދިމާކޮށް ރާއްޖޭގެ 60 އަށްވުރެ ގިނަ ރަށްރަށުގައި ސަރުކާރުގެ ޚަރަދުގައި ބޮކިފަތި ދިއްލާފައިވާ ހަރަކާތާ އަޅާބަލާއިރު ވަރަށް ބޮޑު ހަނިކުރުމެކެވެ.
މި ނިންމުމަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ނިންމި ނިންމުމެއްކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.