600 މިލިޔަނަށްވުރެ ގިނަ ރުފިޔާ އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
600 މިލިޔަނަށްވުރެ ގިނަ ރުފިޔާ އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބިއްޖެ

މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 600 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، އަހަރުގެ ފުރަތަމަ ދެ މަސްދުވަހު ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 331.4 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 280.5 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %18 އިތުރު އަދަދެކެވެ.

ޑިޕާޗަރ ޓެކުހުގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީއަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ދެ މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 317.7 މިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ފީގެ ގޮތުގައި ލިބިފައިވަނީ 279.3 މިލިޔަން ރުފިޔާއެވެ. މިއީ %13.7 ގެ އިތުރުވުމެކެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ދެ މަހު ދައުލަތަށް ޖުމްލަ 649.1 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 559.8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %15.9 އިތުރު އަދަދެކެވެ.

މި ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ކުރިއެރުމާއެކު، އެއާޕޯޓުން ނަގާ ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ.

މިއަދު އޮންލައިން