އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޒާހިދު ވިދާޅުވީ، ވޯޓު ކަރުދާސް ޗާޕުކުރުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، ވޯޓު ކަރުދާސްތައް ޗާޕުކުރުމަށްފަހު ކޮމިޝަންގެ ފަރާތުން ކޮންމެ ކަރުދާސްކޮޅެއް ވަކިވަކިން ބަލައި ޗެކްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިއީ ވޯޓު ކަރުދާހުގައި އެއްވެސް މައްސަލައެއް އުޅޭތޯ ކަށަވަރު ކުރުމަށް ކުރިއަށްގެންދާ މުހިންމު މަރުހަލާއެކެވެ.
މި މަސައްކަތާ ގުޅޭގޮތުން ޒާހިދު ވިދާޅުވީ، "އަޅުގަނޑުމެން މިދަނީ ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކްކޮށް އެކަރުދާސްކޮޅެއްގައި ދެ އިންތިޚާބުކަމަށް ވެއްޖެއްޔާ ކޮންމެ އިންތިޚާބެއްގައި އެދާއިރާއެއްގައި ކާކުތޯ ވޯޓުލަނީ ވޯޓު ލާންޖެހޭ ކެންޑިޑޭޓުންގެ ނަމާއި އެތަފްސީލުތަކާއި އެއްޗިސް، އެއިން ކަރުދާހެއްގައި ޗާޕުކުރުމުގެ ތެރޭގައި ވޯޓު ކަރުދާސް ބަތިލް ކުރަން ޖެހޭ ނުވަތަ އެހެންވެސް އެކަހަލަ ކަމެއް އެއްވެސް ކަހަލަ ޑިފޯލްޓެއް އުޅޭތޯ. ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކްކޮށްކުރަމުން މިދަނީ،" ކަމަށެވެ.
މީގެ އިތުރުން، ވޯޓުލާ ދުވަސް އައުމުގެ ކުރިން ވޯޓު ފޮށިތަކާއި، ވޯޓު ކަރުދާސްތަކުގެ އިތުރުން އިދާރީ ގޮތުން ފޮނުވަންޖެހޭ އެންމެހާ ތަކެތި ފޮނުވައި ނިންމުމަށް ތާވަލުކުރެވިފައިވާ ކަމަށް ވެސް އީސީގެ ރައީސް ވިދާޅުވިއެވެ. މިކަމަށް ބޭނުންވާ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެކެވެ. މި އިންތިޚާބުތަކުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.