ފިޔޯރީގައި ޤާއިމުކުރާ މަސް ކާރުޚާނާ އަންނަ އަހަރުގެ މަސްވެރިންގެ ދުވަހަށް އޮޕަރޭޝަނަށް ގެނައުމަކީ އަމާޒެއް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 51ސ
ފިޔޯރީގައި ޤާއިމުކުރާ މަސް ކާރުޚާނާ އަންނަ އަހަރުގެ މަސްވެރިންގެ ދުވަހަށް އޮޕަރޭޝަނަށް ގެނައުމަކީ އަމާޒެއް

ގދ. ފިޔޯރީގައި ޤާއިމުކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ މަސައްކަތް ނިންމާ، އަންނަ އަހަރުގެ މަސްވެރިންގެ ދުވަހަށް އެތަން އޮޕަރޭޝަނަށް ގެނައުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ދެކުނުގެ މަސްވެރިކަމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ފިޔޯރީގައި ކާރުޚާނާ ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މިދިޔަ މަހު ފަށާފައިވާ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ކާރުޚާނާ ތަރައްޤީ ކުރުމަށްޓަކައި ޗައިނާގެ ކުންފުންޏަކާއެކު މިހާރު ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް ނިމެންވާއިރަށް ކާރުޚާނާގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް އޮންނާނީ ނިމިފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ފަހުކޮޅު، ޚާއްޞަކޮށް މަސްވެރިންގެ ދުވަހާ ދިމާކޮށް އެތަން ހުޅުވާ ޚިދުމަތް ދޭން ފެށުމެވެ.

މި މަޝްރޫޢުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުއްޠަލިބް ވިދާޅުވީ، "މަސްވެރިކަމުގެ އެއް ޕްރޮޖެކްޓް މިއީ. އެކަމަށް އިސްކަމެއް މި ދެނީ ކަޅުބިލަ މަހުގެ މަސްވެރިކަމުގެ އާބާދީއެއް އޮތީ އެ ސަރަޙައްދުގައި. 60 އިންސައްތަ މަސް މި ބާނަނީ ދެކުނުގެ ސަރަޙައްދުތަކުން. އެ ސަރަހައްދުގެ މަސްވެރިންނަށް ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުއް މިއީ."

ފިޔޯރީގައި މި ކާރުޚާނާ ޤާއިމުކުރުމަށްޓަކައި ޖުމްލަ 6.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މި މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ ސޭން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢު ނިމުމުން ދެކުނުގެ މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބި، މަސް ބޭރުކުރުމުގައި ހުރި ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން