އައްޑޫ ސިޓީގައި ފެނަކަ ކޯޕަރޭޝަންގެ ޓްރެއިނިންގ ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ، މި ސްކޫލް އެޅުމަށް ބޭނުންވާ ލިޔެކިޔުންތައް މިހާރު އައްޑޫ ސިޓީ ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ މަގްސަދަކީ ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނުތައް ދިނުމަށް ހާއްސަ މަރުކަޒެއް ގާއިމުކުރުމެވެ. އެމްޑީ ނަޖާޙް ވިދާޅުވި ގޮތުގައި، ބިން ހަމަޖެހުނުހާ އަވަހަކަށް ޢަމަލީ މަސައްކަތް ފަށާނެއެވެ. މި ސްކޫލް ވެގެންދާނީ ފެނަކައިގެ އެކި އޮފީސްތަކެކޭ އެއްފަދައިން، ކުންފުނީގެ ހުރިހާ ޓެކްނިކަލް ތަމްރީނުތަކެއް ދޭނެ މައި މަރުކަޒަށެވެ.
"އައްޑޫ ސިޓީގައި އަޅުގަނޑުމެން ބޭނުން ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އަޅަން. ބިން ހަމަޖެހުނުހާ އަވަހަކަށް އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންދާނަން. އެއިރުން ފެނަކައިގެ އެކިއެކި އޮފީސްތައް ހުންނަ ފަދައިން ޓްރެއިނިން ސްކޫލެއް އެޅުމާއި އެކީގައި ފެނަކައިގެ ހުރިހައި ޓެކްނިކަލް ޓްރެއިނިންގތަކެއް އެއީ ފެނާއި ނަރުދަމާއާ ރިލޭޓެޑްވިއަސް ނުވަތަ ކަރަންޓާއި ރިލޭޓެޑްވިއަސް ނުވަތަ ސޯލާއާއި ރިލޭޑެޓްވިއަސް މި ހުރިހައި ދާއިރާތަކެއްގެ ޓެކްނިކަލް ޓްރެއިނިންގ އަޅުގަނޑުމެން އައްޑޫ ޓްރެއިނިން ސްކޫލުން ދޭނެ،" ނަޖާޙް ވިދާޅުވިއެވެ.
މި ސްކޫލްގައި ދޭ ތަމްރީނުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ބޭރުގެ ކުންފުންޏަކާ އެކު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ފެނަކައިން ބުނެއެވެ. މި މަޝްވަރާތަކުގެ ބޭނުމަކީ އެ ކުންފުނީގެ އޮތޮރައިޒްޑް ޓްރެއިނިންގތައް އައްޑޫގައި ހުންނަ ސްކޫލުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.
ފެނަކަ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، އައްޑޫ ސިޓީގައި ގާއިމުކުރާ މި ޓްރެއިނިންގ ސްކޫލް ވެގެންދާނީ އެ ކުންފުނީގެ ސްޓާފުން ތަރައްޤީކުރުމުގެ މައި ހަބަކަށެވެ. މިތަނުން ކަރަންޓާއި، ފެނާއި ނަރުދަމާގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން މުވައްޒަފުން ތަމްރީނު ކުރެވިގެންދާނެއެވެ.