ވިހެއުމާގުޅިގެން ދަރިފުޅުގެ ޢުމުރުން 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ކަނޑައަޅާފައިވާ އިސްލާހު ތަސްދީޤުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ވިހެއުމާގުޅިގެން ދަރިފުޅުގެ ޢުމުރުން 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ކަނޑައަޅާފައިވާ އިސްލާހު ތަސްދީޤުކުރައްވައިފި

ވަޒީފާއާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ 2026 މާރިޗު 8 ވީ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ވަޒީފާއާބެހޭ ޤާނޫނަށް މި އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުން ބާޠިލުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމެވެ. މީގެ އިތުރުން ބިދޭސީ މުވައްޒަފުން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ މުރާޖަޢާކޮށް، ބައެއް ފަރާތްތައް އެ ފީން އިސްތިސްނާކުރުމުގެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. މި ބަދަލުތަކާއެކު ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުވެ، ދެފަރާތުގެ ޙައްޤުތައް އިތުރަށް ކަށަވަރުވެގެންދާނެއެވެ.

މި އިޞްލާޙުގެ ދަށުން ގެނެވުނު އެންމެ މުހިންމު އެއް ބަދަލަކީ، ވިހެއުމާގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ޢުމުރުން 2 (ދޭއް) އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ކަނޑައެޅުމެވެ. މިއީ މަސައްކަތްކުރާ މައިންބަފައިންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

މީގެ އިތުރުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ވަކި ވިޔަފާރިތަކެއް ކޯޓާ ފީ ދެއްކުމުން އިސްތިސްނާކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ވަނީ ދީފައެވެ. އަދި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ޤާނޫނީގޮތުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

މިއަދު އޮންލައިން