ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ދަރިން ނުލިބޭނަމަ އޮތީ ކެތްތެރިވުމެވެ. އެހެން މީޙުންނަށް ހެޔޮކޮށްހިތާށެވެ. އެހެން މީހުންގެ ދަރިންނަށް ހެޔޮކޮށްހިތާށެވެ. ދަރިއަކު ދެއްވަވަވުމުން ދެއްވަވާނެއެވެ.
ދަރިއަކު ނުލިބޭނެ ކަމަށް ޑޮކްޓަރުން ކަނޑައަޅާފައި ތިބޭ މީހުންނަށްވެސް ދަރިން ލިބެނީ ނޫންހެއްޔެވެ؟ އެކަމުން އެނގެނީ ދެއްވަވަންވުމުން އެއްވެސް ހުރަހެއް ނުއޮންނާނެ ކަމެވެ.
ތިރީގައިވާ ލިޔުމުން ޢިބްރަތް ޙާޞިލްކުރައްވާށެވެ! ތިބާއަކީ ޑޮކްޓަރަކަށްވުމުން އެޑޮކްޓަރުފަދައިން ކަމެއް ނުކުރެވިދާނެއެވެ. ނަމަވެސް ތަނަވަސްކަން ހުރިވަރަކުން އެހެން މީހުންނަށް އެހީތެރިވެދެވިދާނެއެވެ.
އޭނާއަކީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރެކެވެ. ދަރިމައިނުވާ އެތައް ސަތޭކަ އަންހެނުންނަށް ވަނީ އޭނާގެ ފަރުވާއިން ދަރިން ލިބިފައެވެ. ނަމަވެސް ކައިވެންޏަށް 5 އަހަރުވީއިރުވެސް އޭނާއަށް ދަރިއަކު ނުލިބެއެވެ. އެކަމަށް އޭނާ ކުރާ ކޮންމެ މަސައްކަތެއް އައީ ނާކާމިޔާބުވަމުންނެވެ.
ފިރިމީހާ އެއްބަސްނުވި ނަމަވެސް ފިރިމީހާ އެހެން އަންހެނަކާއި ގުޅުން ބާއްވަމުން އަންނަކަން އެނާއަށް އެނގެއެވެ. ނަމަވެސް އިޢްތިރާފް ނުވާތީ އެއްވެސް ފިޔަވަޅެއް ނާޅައި ހުއްޓާ ދެމީހުން އެކުގައި ވަނީ ލޮލަށް ފެނިފައެވެ. އެހިސާބުންވެސް އަޅާނުލައިހުރީ ފިރިމީހާ އެހެން އެއުޅެނީ އޭނާއަށް ދަރިއަކު ނުލިބޭތީ ކަމަށް ޤަބޫލުކުރެވޭތީއެވެ.
އެއްދުވަހަކު ހޮސްޕިޓަލުގެ ޑިޔުޓީ ގަޑީގައި ޖޫނިއަރ ޑޮކްޓަރުން އޭނާ ގާތުބުނީ ވަރަށް ސީރިއަސް ޙާލުގައި އަންހެނަކު ލޭބަރރޫމްގައި އެބައޮތްކަމަށާއި ޑޮކްޓަރުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެގޮތަށް ބުނުމުން ގޮސް ބެލިއިރު އެއަންހެންމީހާވީ އޭނާގެ ފިރިމީހާ އާއިއެކު ފެނުނު އަންހެން މީހާއަށެވެ. އެޙާލުގައި އޮވެގެންވެސް ވަގުތުން އޭނާ މާފަށް އެދުނެވެ. އަދި ވިހަން އެ ހޮސްޕިޓަލަށް އައީ އެއީ އޭނާ މަސައްކަތްކަތްކުރާ ހޮސްޕިޓަލްކަން ނުއެނގިކަމަށްވެސް ބުންޏެވެ.
އެވަގުތު ގޮތް ނންމަން އުނދަގޫތަކެއްވިއެވެ. "ފިރިމީހާގެ ދަރިފުޅު ހަމަ ވިއްސަންވީ ހެއްޔެވެ؟ ނޫނީ އެހެން ހޮސްޕިޓަލަކަށް ފޮނުވާލާނީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެންނަކީ ޑޮކްޓަރެކެވެ. ބަލިމީހުންނަށް އެހީތެރިވުމަކީ އަހަރެންގެ ވާޖިބެކެވެ. އެކަން ޒާތީ ކަންކަމާއި ގުޅުވައިގެން ނުވާނެއެވެ."
ޑޮކްޓަރު އޭނާއަށް ކުރެވުނުހައި ރަނގަޅަކަށް ކަންކަން ކޮށްދިނެވެ. ވިއްސަން ކުރަންޖެހުނު އޮޕަރޭޝަންގައި ނުރައްކައުތެރި އެތައްކަމެއް ކުރިމަތިވިއެވެ. އެހެންކަމާއިއެކުގައިވެސް ދަރިފުޅާއި މައިމީހާވެސް ސަލާމަތްކުރެވުނެވެ.
ޑޮކްޓަރު އޭނާގެ ފިރިމީހާ ގާތުން ވަރިވިއެވެ. "އަހަރެންގެ އެއްވެސް ހިތްބުރަކަމެއް ނެތެވެ. ދަރިއަކު ނުލިބޭއިރުވެސް އަހަރެންނަށް ވަގުތެއް ނުދެވެއެވެ. އަބަދު މަސައްކަތުގައެވެ. ވީމާ ދަރިއަކު ލިބުމުން އަދި މާބުރަވާނެއެވެ. ދެން ރަނގަޅުވާނީ ދަރިފުޅާ އަޅާލައިގެން ރަނގަޅު ދިރިއުޅުމެއް އުޅެން ދަރިފުޅުގެ މަންމަގެ ގާތަށް ދިއުން" ކަމަށް ބުންޏެވެ.
އެއިގެ އަހަރެއްހައި ދުވަސްފަހުން ޑޮކްޓަރު ދެވަނަ ކައިވެނި ކުރިއެވެ. އެކައިވެންޏަށް 2 އަހަރު ފުރުން ފާހަގަކުރީ ލިބިފައިތިބި އެއްމާބަނޑު 2 ކުދިންނާއިވެސް އެކުގައެވެ. އެދަރިން ލިބުނީ ހޯދަން އެއްވެސް މަސައްކަތެއް ކުރުމަކާއިވެސް ނުލައެވެ.
އަޅުގަނޑުގެ ކައިވެންޏަށްވެސް މިހާރު މިއޮތީ 7 ވަނަ އަހަރަށެވެ. ދަރިއަކު ލިބޭތޯ މިގެންދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އަދި ދަރިއަކު ނުލިބެއެވެ. މިއީ އެކަންކަން އެނގޭ އަޅުގަނޑުގެ އެކުވެރި އުޚުތު ޒުހުރާ އަޅުގަނޑަށް ޝެއާކުރި ވާހަކައެކެވެ.
މިވާހަކައިގައި ދަރިއަކު ނުލިބިގެން ފަރުވާ ހޯދަމުން އައީ އެކަމުގެ ޚާއްޞަ ޑޮކްޓަރެކެވެ. ކާމިޔާބެއް ނުވިއެވެ. ނަމަވެސް ދަރިއަކު ލިބެންވުމުން އެއްވެސް ފަރުވާއަކާއި ނުލައި އެވަނީ އެއްމާބަނޑު 2 ދަރިން ލިބިފައެވެ. ވީމާ މިވާހަކައިން އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެއެވެ. މާޔޫސްކަން ވަރަށް ބޮޑަށް ފިލައިފިއެވެ. ދަރިއަކު ދެއްވެވުން އެދި ކުރަންވީ ކަންކަންވެސް ވިސްނިއްޖެއެވެ. އެއީ އިންސާނިއްޔަތަށް ޚިދުމަތްކުރުންކަމާއި އެއްވެސް މީހަކަށް ޙަސަދަނުލުންކަން ޤަބޫލުކުރެވިއްޖެއެވެ. އެއީ ޑޮކްޓަރުގެ ހިތުގައި ހަސަދަވެރިކަން ބޭއްވިނަމަ އެދެމައިންނަށް އެޙާލަތުގައި ކަންކަން މެދުވެރިވާނެ ގޮތް ވިސްނުމުންނެވެ.
އޮޕަރޭޝަންތެރޭގައި ކިތަންމެ ކުޑަ ނަމަވެސް ކަމެއް ނުބައި ގޮތަކަށް ދިއަނަމަ އެއީ ފިރިމީހާއަށް ލިބޭ ދަރިއަކަށްވުމުން ކިތަންމެ ބޮޑު އިލްޒާމެއްވެސް ބޮލުގައި އަޅަންޖެހިދާނެތީ އެއޮޕަރޭޝަން ނުކުރުމުގެ ފުރުޞަތު އޭނާއަށް އޮތެވެ. ނަމަވެސް އޭނާ އެދެއްކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ނަމޫނާ މިސާލެކެވެ. އަދި ފިރިމީހާ، ދަރިފުޅުގެ މަންމައަށް ހެޔޮހިތުން ހަދިޔާއެކުރީ އަމިއްލަ ހިތުގައި އަތްއަޅައިގެން ހުރެއެވެ.
ވީމާ މިއީ އެކުވެރިޔާ އަޅުގަނޑަށް ދިން ވަރަށް އަގުބޮޑު ހަދިޔާއެއްކަމަށް ޤަބޫލުކުރަމެވެ. އަދި މިއީ ﷲ އަޅުގަނޑަށް ދަރިއަކު ދެއްވަވާނެ ދުވަހަކަށް ސާބިތުކަމާއިއެކު ކެތްތެރިވުމަށް ލިބުނު ވަރަށް ޢިބްރަތްތެރި ފިލާވަޅެއްކަމަށްވެސް ޤަބޫލުކުރަމެވެ. އެކުވެރި ޒުހުރާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ-
- ޙައްވަ / މިއަދުނޫހުގެ ކިޔުންތެރިއެއް