ބައެއް މީހުން އެމީހުންގެ ހިތް ކުރަން ނޭދޭ ކަންކަން ކުރެއެވެ. އެގޮތުން ބޮޑެތި ފާފަތައް ވެސް ކުރެއެވެ. މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. މާނައަކީ ޢަމަލުކޮށްގެންވާނެ ގޮތެއް ނޫނެވެ.
ބައެއް ފަހަރު ލިބޭ ވަރުބަލިކަމެއްގެ ސަބަބުން ނުވަތަ މޫޑަށް އަންނަ ބަދަލެއްގެ ސަބަބުން ހިތް ނުއެދުނު ނަމަވެސް ކުރަން އޮތް ހަމައެކަނި ކަމަކީ އަޅުކަމެވެ. ހެޔޮ ޢަމަލުތަކެވެ. އެ ނޫން އެއްވެސް ކަމެއް ހިތެއް ނޭދޭނެއެވެ! އަދި ހިތް ނުއެދޭ ކަމެއް ކޮށްގެންވެސް ނުވާނެއެވެ!
ވިސްނަނީ ސިކުނޑިންނެވެ. އެކަމަށް މިކިޔަނީ ބުއްދިއެވެ. ބައެއް ޙާލަތްތަކުގައި ކިތަންމެ ނުބައިކަންބޮޑު ކަމެއް ކުރަންވެސް ބުއްދި ބުނެފާނެއެވެ. އެ ޙާލަތުގައި ބުއްދީގެ މައްޗަށް ހިތުގެ ބާރުފޯރުވަންވާނެއެވެ. ހިތް މައްޗަށް މިކުރެވެނީ ނުބައި ޢަމަލެއްކަން ގެނެސް ބުއްދީގެ މައްޗަށް ބާރުފޯރުވުމުން އެ އަމަލުކުރަން ބޭނުމެއް ނުވާނެއެވެ!
އެކަން ކުރެވޭނީ ތިމާގެ ހިތަކީ ސާފު ޠޯހިރު ހިތެއްކަމުގައި ހެދިގެންނެވެ. ޝައިޠޯނާގެ ނުފޫޒުތަކުން ހިތް ސަލާމަތްކުރެވިގެންނެވެ. ހިތް ޠޯހިރުކުރުމުން ހިތުގެ ބާރު ބުއްދީގެ މައްޗަށް ގަދަކުރުމުގެ ކުދާނަކަން ލިބިގެންދާނެއެވެ.
މިސާލަކަށް ދުންފަތުގެ އިސްތިޢްމާލްކުރުން ނަގާށެވެ! ދުންފަތުގެ އިސްތީޢްމާލް ކުރުމުން ނޫނީ ހިތްހަމަޖެހުން ނުލިބޭނެކަމަށް ބުއްދި ބުނެއެވެ. އެއީ އޭނާގެ ބުއްދިއަށް ވިސްނޭ ގޮތެވެ. ނަމަވެސް ދުންފަތުގެ އިސްތޢްމާލްކުރުމުން ލިބޭ ގެއްލުންތައް ހިތްމައްޗަށް ގެނެވި އެއީ ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ، ގެއްލުންހުރި ކަމެއްކަމަށް ހިތް ޤަބޫލުކުރުމުން ބުއްދީގެ މައްޗަށް ބާރު ހިންގައި އެކަންކުރުމުން މީހާ ދުރުވެގަންނާނެއެވެ.
ހިތާއި ސިކުނޑީގެ މެދުގައި ވަރަށް ގާތް ގުޅުމެއްވެއެވެ. އެހެނަސް ޝައިޠޯނާ ވެރިވެގަންނާނީ އަބަދުވެސް ހިތަށެވެ. ނަގަންބޭނުންވާނީ ހިތުގެ ކޮންޓްރޯލެވެ. އެއީ ހިތުގެ ކޮންޓްރޯލް ލިބުމުން ބުއްދީގެ ކޮންޓްރޯލް ލިބޭނެތީއެވެ.
Al-Nu’man ibn Bashir reported: The Messenger of Allah, peace and blessings be upon him, said:
أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ أَلَا وَهِيَ الْقَلْبُ
Verily, in the body is a piece of flesh which, if sound, the entire body is sound, and if corrupt, the entire body is corrupt. Truly, it is the heart.
Source: Ṣaḥīḥ al-Bukhārī 52, Grade: Muttafaqun Alayhi
ދީނުގައިވެސް އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ހިތަށެވެ. ހިތް ޠޯހިރުކުރެވިއްޖެނަމަ އެމީހާގެ ހުރިހާ ޢަމަލުތައް ޠޯހިރުވާނެކަމަށް ޙަދީޘްފުޅުގައި އޮތީ އެސަބަބަށްޓަކައެވެ. އިންސާނާ ކުރާ އަމަލުތަކުގެ ކޮންޓްރޯލް އޮތީ ބުއްދީގައި ނަމަ އެތަނުގައި އޮތީހީ ބުއްދީގެވާހަކައެވެ. އަދި މިޙަދީޘްފުޅުން އެނގި ޔަޤީންވެގެންދަނީވެސް ހިތް ޠޯހިރު ކުރެވިއްޖެ ނަމަ ބުއްދިވެސް ޠޯހިރުކުރެވޭނެ ކަމެވެ.
އިތުރު މިސާލެކެވެ. ރުޅި އަންނަހިނދު އަނިޔާވެރިވާން ބުއްދި ބުނެފާނެއެވެ. އެހެނަސް ހިތް އެއިގެ ދައުރު އަދާކޮށް އަތް އިސްނުކުރަން ނިންމައިފިނަމަ އަތުން އަނިޔާއެއް ނުކުރެވޭނެއެވެ. ވީމާ މީސްތަކުންނަށް ރަޙުމް ކުރެވޭނީވެސް ބުއްދީގެ މައްޗަށް ހިތުގެ ބާރު ފޯރުވޭ މީހުންނަށެވެ.
- ޑރ. އިޤްބާލް އަންވަރުގެ ލިޔުމަކުން