ހިތްހަމަޖެހުން ހޯދަން ހެޔޮލަފާ އަނބިމީހާއަށް ސިއްރުން އިތުރު 3 އަނބިން ހޯދި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 4ސ
ހިތްހަމަޖެހުން ހޯދަން ހެޔޮލަފާ އަނބިމީހާއަށް ސިއްރުން އިތުރު 3 އަނބިން ހޯދި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

ގިނަ އަނބިން ހޯދުމުގެ މައްސަލައަކީ އެންމެ ހޫނުކޮށް ބަހުސްކުރެވޭ އެއް މައްސަލައެވެ. އަޅުގަނޑު މިއުޅެނީ އެބަހުސްގައި ބައިވެރިވާކަށް ނޫނެވެ. ކަން އޮތްގޮތް ބުނެވޭތޯއެވެ. އަޅުގަނޑާއި ވިސްނުން ތަފާތުވާނެ މީހުންވެސް ތިބޭނެއެވެ. އެމީހުންނަށްވެސް އިޙްތިރާމްކުރަމެވެ.  

ގިނަ އަނބިން ހޯދަން ވަރަށް ގިނަ ފިރިހެނުން ބޭނުންވެއެވެ. އަދި ހޯދަންވެސް ހޯދައެވެ. ސުވާލަކީ ގިނަ އަނބިން ހޯދުމުން އިތުރަށް އުފާވެރިކަން ލިބެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ގިނައީ ކުރެވުނީ ގޯސްކަމެއްކަން ވިސްނުނަސް ގޮތް ދޫނުކުރަން ތިބޭ މީހުން ނޫންހެއްޔެވެ؟  

ލިބޭ މަޢުލޫމާތަށްބަލާއިރު އަނބިމީހާ ރަނގަޅު ގޮތުގައި އިންދައި، އަދި ފުރިހަމަ ޞިއްހަތެއްގައި ވަނިކޮށް އޭނާގެ ހިތުގައި ޖައްސުވާފައި އިތުރު އަނބިން ހޯދާ ގިނަ މީހުންނަށް ފަހުން ޖެހެނީ ކަރުނައަޅާށެވެ.  

އަޅުގަނޑު މިބުނި ބަހުގެ ތެދުކަން މިހާދިސާއިންވެސް އެނގިލައްވާނެއެވެ.  

އަހަރެންނަކީ ޑޮކްޓަރަކީމެވެ. ކައިވެނިކޮށްގެން ވަރަށް އުފަލުގައި ދިރިއުޅެމުން އައި މީހަކީމެވެ. ކައިވެންޏަށް 5 ވަނަ އަހަރު ވަޒީފާގެ ގޮތުން ބޭރުގައުމެއްގައި 1 އަހަރު ޚިދުމަތްކުރަން މަޖުބޫރުވިއެވެ. އެއީ އަހަރެން މަސައްކަތްކުރާ ހޮސްޕިޓަލް ހިންގާ ކުންފުނިން އެ ޤައުމުގައި ހިންގާ ހޮސްޕިޓަލެއްގައި ޚިދުމަތްކުރަން ޖެހުމުންނެވެ.

އެއީ އަންހެނުން ވަރަށް ގިނަ ޤައުމެކެވެ. ކައިވެނި ނުކުރެވިތިބޭ އަންހެނުންތައް ބައިވަރެވެ. އަހަރެން ދިއަތަނުން ރީތި އަންހެނުންތައް ފެންނަން ފަށައިފިއެވެ. ހިތްކިޔަން ފަށައިފިއެވެ. އެހެންވެ ފުލުފުލުގައި 3 ކައިވެނިކޮށްލީމެވެ. އެކަން އަނބިމީހާއަކަށް ނުވެސް އަންގަމެވެ.

3 އަނބިންނާއިއެކު ވަރަށް އުފަލުގައި ދިރިއުޅެމުންދަނިކޮށް ފެނުނީ ކުއްލިއަކަށް އަންގައިވެސް ނުލައި ދޮށީ އަނބިމީހާ އަހަރެންގެ ގާތަށް އައިތަނެވެ. އަހަރެންގެ އެޑްރެސް އެނގޭތީ ފެނުނީ ގެއަށް އައިސް ވަންތަނެވެ. އަނބިމިހާއަށް މަންޒަރު ފެނިގެން ސުވާލުކުރުމުން ދޮގުނުހަދައި ކަންތައްވީގޮތް ކިޔައިދިނީމެވެ. އަދި އިތުރު 3 އަނބިން ތިބި ނަމަވެސް ލޯބިވަނީ އޭނާދެކެ ކަމަށްވެސް ބުނީމެވެ. އެނބުރި ދަމުން އެމީހުން ނުގެންދާނެ ކަމަށްވެސް ބުނީމެވެ.  

އަނބިމީހާ ބުނީ އޭނާދެކެ ލޯބިވާނަމަ އޭނާއެކަނި ގެންގުޅުމަށެވެ. ނަމަވެސް އަނެއް 3 އަނބިން ވަރިކުރަން އަހަރެންނަކަށް ފަސޭހައެއް ނުވިއެވެ. އެހެންވެ އަނބިމީހާ އަޅުގަނޑު ގާތުގައި ވަރަށް ކުޑަ ދުވަސްކޮޅަކު ހުރެފައި އެނބުރި ހިނގައްޖެއެވެ. އެނބުރި ދިއުމަށްފަހު އެދުނީ ވަރިކޮށްދިނުމަށެވެ. ވަރިއަށް އެދުމުން ވަރިވެސްކޮށްދިނީމެވެ.  

3 އަނބިންނާއިއެކު ދިރިއުޅެމުން ދިއައިމެވެ. އެޤައުމުގައި މަސައްކަތްކުރުމުގެ މުއްދަތުވެސް އިތުރުކުރީމެވެ. ނަމަވެސް 5 އަހަރުވީއިރުވެސް ދޮށީ އަނބިމީހާމަތިން ހަނދާން ނައްތައެއް ނުލެވުނެވެ. އެއީ 3 އަނބިން ދޭ ލޯތްބާއި އަޅައިލުން އެއްކޮށްލުމުންވެސް ދޮށީ އަނބިމީހާ އާއި އެއްވަރުނުވާތީއެވެ.  

3 އަނބިންވެސް ޒުވާނެވެ. ބަލާލަންވެސް ރީއްޗެވެ. ނަމަވެސް އަހަރެންނަށް ޚިދުމަތްކުރާތަނެއް ނުފެނުނެވެ. އަބަދުވެސް އެމީހުންނަށް ޚިދުމަތްކުރަންޖެހެނީ އަހަރެންނަށެވެ. ވީމާ އަހަރެންނަށް ކުރާ ފައިދާއެއް ނުފެނުނެވެ. ދޮށީ އަނބިމީހާ މުޅިން ތަފާތެވެ. އޭނާ އަހަރެންނަށް ޚިދުމަތްކުރެއެވެ. އަހަރެންނަށް އޮންނަނީ އޭނާއަށް ޚިދުމަތް ނުކުރެވިފައެވެ.  

އެހެންވެ 3 އަނބިން އެކުގައި ދޫކޮށްލާފައި އެނބުރި ޤައުމަށް ދިއައީމެވެ. ގޮސްބެލިއިރު އޭނާވަނީ އަޅުގަނޑުގެ ދަރިއަކުވެސް ވިހައިފައެވެ. އުޅެނީ އެހެން މީހަކާއި ކައިވެނިކޮށްގެންނެވެ. ރޮއި އާދޭސްކުރުމުންވެސް އަޅުގަނޑާއި އަލުން ގުޅޭކަށް އެއްބަހެއް ނުވިއެވެ. އެކަމަށް އޭނާ ކުށްވެރިކުރާކަށް ނެތީމެވެ. ހުރިހާ ގޯހެއް ހެދުނީ އަހަރެންނަށްކަން ޤަބޫލުކުރެވޭތީއެވެ. ލިބުނު މާޔޫސްކަމުގެ ބޮޑުކަމުން އިތުރު ކައިވެންޏެއް ނުކޮށް 6 އަހަރުހުރީމެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ޙިއްޞާ މިކުރީ މިވާހަކައިން ލިބޭ ޢިބްރަތް ބޮޑުކަމުންނެވެ. ތަނަވަސްކަން ހުރިނަމަ އަނބިން ގިނަކުރެވިދާނެއެވެ. ނަމަވެސް އެކަމުން ހިތްހަމަޖެހުން ލިބެނީ ހާހަކުން މީހަކަށް ނޫންހެއްޔެވެ؟ އެކަން އެނގޭއިރުވެސް ދޮށީ އަނބިމީހާ ރަނގަޅު ގޮތުގައި ހުއްޓައި ނިކަމެތިކޮށްލާއިރު ވިސްނައިނުލަނީ ކީއްވެގެންހެއްޔެވެ؟

 

- ޝިޔާޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން