ކައިވެނިކުރަން އެތައް ބައަކު ތިއްބާވެސް ސިފައަށް ބަލައި ވާހަކަދައްކަންވެސް އުނދަގޫވެފަހުރި މީހަކު ދެކެ ލޯބިވެ ކައިވެނިކުރި އަންހެނެއްގެ ވާހަކަ- އެންމެންނަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 59ސ
ކައިވެނިކުރަން އެތައް ބައަކު ތިއްބާވެސް ސިފައަށް ބަލައި ވާހަކަދައްކަންވެސް އުނދަގޫވެފަހުރި މީހަކު ދެކެ ލޯބިވެ ކައިވެނިކުރި އަންހެނެއްގެ ވާހަކަ- އެންމެންނަށް އަގުހުރި ފިލާވަޅެއް!

އުފާވެރި ދިރިއުޅުމެއް ލިބޭނީ ކޮން ސިފަތަކެއް ހުރި މީހަކާ ކައިވެނިކޮށްގެން ހެއްޔެވެ؟ މިސުވާލުގެ ޖަވާބު އެކުމީހުން ދޭނީ އެކި ގޮތަށެވެ. އެއީ ކޮންމެ މީހަކުވެސް ޖަވާބުދޭނީ އެމީހެއްގެ ވިސްނުމުންކަމަށްވާތީއެވެ.   

ވީމާ މިއީ ގިނަ ބައެއްގެ މެދުގައި ޚިޔާލުތަފާތުވުން އޮތް ކަންކަމެވެ. ކޮންމެ މީހަކުވެސް ބުރަވާނީ އެމީހަކަށް ޤަބޫލުކުރެވޭ ގޮތަކަށެވެ. މިކަމަށް ކުރެވޭ ބަޙުސްގައި ތިރީގައިވާ ވާހަކަކީވެސް ޢިބްރަތްތެރި ފިލާވަޅެކެވެ.  

ވަރަށް ލޯބިން އެކުގައި ދިރިއުޅުނު ދެމަފިރިންނެވެ. 10 އަހަރުގެ ފިރިހެން ދަރިއަކުވެސް ހުރެއެވެ. ނަމަވެސް ފިރިމީހާއަށް ބަދަލުތަކެއް އަންނަންފެށިތާ ކުޑަދުވަސްކޮޅެއްވީތަނާ  ކުއްލިއަކަށް ފިރިމީހާ ގެއްލުނީއެވެ. ދިއަތަނެއްވެސް ވީގޮތެއްވެސް ނުއެނގެއެވެ.  

އަނބިމީހާއަށް ޔަޤީންކުރެވޭގޮތުގައި ފިރިމީހާ ދެމައިން ދޫކޮށްލާފައި ފިލީއެވެ. ފުލުހުންނަށް ގުޅައިގެން ބެލުމުންވެސް އެއްވެސް މައުލޫމާތެއް ލިބޭނެ ގޮތެއް ނުވިއެވެ. އެއިގެ މާނައަކީ އެއްވެސް މައްސަލައެއް ޖެހިގެން ރިޕޯޓެއް ލިބިފައި ނެތުމެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އޭނާއަށް އެއްވެސް ކަމެއް ދިމާވެފައި ނުވާކަމަށެވެ.  

ލިބުނު މާޔޫސްކަމުގައި އޭނާވަނީ ކެއުން ބުއިމާއި ދުރުހެލިވެފައެވެ. ދަރިފުޅަށް ކާންދިނުމުގެ ޝައުޤުވެރިކަމެއް ނުހުރެއެވެ. ގޭތެރެ ސާފުކުރުމާއި އެއްޗެތި ދޮވުން ފަދަ ކަންކަންވެސް ނުކުރެއެވެ. އަބަދު އޮށޯވެ އޮންނަނީއެވެ.  

ނަތީޖާއެއްގެ ގޮތުން ދާދިއަވަހަށް އޭނާ ބަލިކަށިވާންފަށައިފިއެވެ. ގައިގެވަރުދެރަވާން ފަށައިފިއެވެ. ޑޮކްޓަރަށް ދެއްކުމުން ބުނަނީ އެއްވެސް ބައްޔެއްހުރިކަން ފާހަގަނުކުރެވޭ ކަމަށެވެ. ކޮންމެވެސް ކަމަކާއި މާބޮޑަށް ވިސްނާތީކަމަށްވެދާނެކަމަށާއި އެކަން ޙައްލުކުރެވިއްޖެނަމަ މައްސަލަތައް ޙައްލުކުރެވިދާނެ ކަމަށް ޤަބޫލުކުރެވޭކަމަށެވެ.  

މިފަދަ ގޮތަކަށް ކަންކަން މެދުވެރިވެފައިވަނިކޮށް ފެނުނީ ގޭގެ ދޮރުދޮށުން ކޮއްޕާލާފައި އޮތް ނޯޓެކެވެ. "ތިއައިނީ ވަރިކޮށްފައެވެ. އަހަރެން ހޯދަން ނުއުޅޭށެވެ." ނޯޓުކިޔާފައި ރޯން އިންދާ ދަރިފުޅު އައިސް ސުވާލުތައް ކުރަން ފެށުމުން ދަރިފުޅަށް ޖަވާބެއްގެ ގޮތުން އަތަށް ދިނީ އެ ނޯޓެވެ. ނޯޓުދީފައި ކުރިއަށްވުރެ ބާރަށް ރޯން ފެށިއެވެ.  

އެވަގުތު ދެއަތް އުފުލައި ދަރިފުޅު ދުޢާކުރިއެވެ. މަންމައަށް ހިތްހަމަޖެހުމާއި އުފާވެރިކަން ދެއްވެވުން އެދިއެވެ. އަދި އޭނާދެކެ ލޯބިވާ އަދި އަޅައިލާ މަންމައަކު ކަމުގައި ލެއްވެވުން އެދިއެވެ.  

އެދުވަހު ކަންކަން ދިއައީ އެފަދަ ގޮތަކަށެވެ. ނަމަވެސް އަނެއްދުވަހު ހެނދުނުވީއިރު އޭނާއަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ތެދުވެ އުޅެއެވެ. ފިރިމީހާ ގެއިން ދިއަފަހުން ފުރަތަމަ ފަހަރަށް ބަދިގެއަށްވަދެ ކައްކަން ފަށައިފިއެވެ. ނަމަވެސް މީހާ ހުންނަނީ މަންމަނެއް ފަދައިން ބަސްހުއްޓިފައެވެ. ކޮންމެހެން ބުނަންޖެހޭ ބަހެއް ނޫނީ ނުބުނެއެވެ.  

ބައްޕަގެއިން ދިއަފަހުން ކަންމަތީ ފިހާރައަށް ގޮސް ބާޒާރުކުރަނީ ދަރިފުޅެވެ. އާދައިގެމަތިން އެދުވަހުވެސް ފިހާރައަށް ގޮސް ހުއްޓައި ބައްދަލުވި ނުވެސް ދަންނަ މީހަކު މަންމަ ކޮބައިތޯ އަހައި ޙާލުގެ ވާހަކަވެސް އެހުމުން ކުއްޖާ ހުރިހާ ވާހަކަތަކެއް އޭނާއަށް ކިޔައިދިނެވެ. 

އެމީހާ ކުއްޖާ އާއިއެކު އެގެއަށް ދިއައެވެ. އަދި މަންމައާއި ވާހަކަ ދައްކަން އިރުކޮޅަކު އިނދެފައި ދިއައީއެވެ. އެމީހާ ހަވީރުވެސް ދިއައެވެ. ރޭގަނޑުވެސް ދިއައެވެ. އަނެއް ދުވަހުވެސް ދިއައެވެ. ކޮންމެ ދުވަހަކުހެން ދާން ފަށައިފިއެވެ.  

އެއާއިއެކު މަންމައަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. ހިނިތުންވާންފަށައިފިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އާންމުޙާލަތުގައި ދިރިއުޅެން ފަށައިފިއެވެ. އެއިގެ ދުވަސްކޮޅެއްފަހުން ދެމީހުން ކައިވެނިކޮށް ނުހަނު ލޯބިން އެކުގައި ދިރިއުޅެން ފަށައިފިއެވެ. 

ދެން މިކިޔައިދެނީ އެންމެ މުހިންމު ބައެވެ. އެދެމީހުންނަކީވެސް އަޅުގަނޑުގެ ވަރަށް ގާތް ދެ ރަހްމަތްތެރިންނެވެ. ކޮލެޖް ދުވަސްވަރުން ފެށިގެން މިހައިތަނަށްވެސް ދެމީހުންނަކީވެސް އަޅުގަނޑުގެ ދެ ރަޙްމަތްތެރިންނެވެ. ވީމާ ކަންކަން ހިނގައިދިއަގޮތް ވަރަށް ރަނގަޅަށް އެނގެއެވެ.  

އެފިރިހެން މީހާއަކީ އޭނާ އާއިއެކު ކޮލެޖުގައި ކިޔެވި ޒުވާނެކެވެ. އޭނާ އެންމެ ފޫހިވާ ޒުވާނާއެވެ.  ވާހަކަ ދައްކަން އެންމެ ބޭނުން ނުވި ޒުވާނާއެވެ. އޭނާ އާއި ގުޅެން އެތައް ފަހަރަކު މަސައްކަތްކުރުމުން ފުރުޞަތުނުދީ ދުރުހެލިވި ޒުވާނާއެވެ.  

ނަމަވެސް މިއަދު އެކަންކަން ބަދަލުވެގެން އެދިއައީ ހަމަ އެންމެ ކަމަކުންނެވެ. ދުލުން ބުނަމުން ގެންދިއަ ލޯބީގެ ބަސްތަކުގެ ސަބަބުންނެވެ. ހިތްދަތިޙާލުގައި ހުއްޓައި ލޯތްބާއި އަޅާލުންދިނީތީއެވެ. ހުރިހާ ގޮތަކުންވެސް ހެޔޮކޮށް ކަންކަން ކުރީތީއެވެ. ކުރިން އޭނާގެ ސިފަ ހުތުރުވެ ފޫހިވިމަވެސް އެކަންކަމުގެ ސަބަބުން އޭނާގެ ސިފަވެސް ރީތިވީއެވެ. ހުރިހާ ގޮތަކުން ކަމުދިއައީއެވެ.  

އަދި އޭނާގެ ފިރިމީހާ އޭނާ ދޫކޮށްލާފައި ދިއަފަހުން އޭނާ އާއި ގުޅެން އެތައް ބައަކު މަސައްކަތްކުރިއެވެ. ފޯނުވެސްކުރިއެވެ. ގެއަށްވެސް ދިއައެވެ. އެއިގެ ތެރޭގައި މާތަނަވަސް މީހުންވެސް ހިމެނެއެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް އެކަން ކާމިޔާބު ނުކުރެވުނީއެވެ. ނުކުރެވުނު ސަބަބަކީ ހިތްދަތިޙާލުގައި އިން މީހާއަށް ބޭނުންވާ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ދޭން މަސައްކަތްކުރުމުގެ ބަދަލުގައި އަމިއްލައެދުން ކުރިއަށް ނެރެވުމުންނެވެ.  

ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން އެންމެ ކުރިއަށް ނެރޭށެވެ. ބޭނުންވާ ލޯބި ކާމިޔާބުކުރެވުމުގެ އެންމެ މުހިންމު ކަންކަމަކީ އެއީއެވެ. އެކަންކަމުގައި އިޚްލާޞްތެރިވެއްޖެނަމަ ހުތުރު ސިފަ ރީތިކަމަށް ބަދަލުވާނެއެވެ. ފޫހިކަން ލޯތްބަށް ބަދަލުވާނެއެވެ. އިން ޝާ ﷲ

 

- ނިޝާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް   

- ޢިބްރަތްތެރި ވާހަކަ  

މިއަދު އޮންލައިން