މާޔޫސް ތިއަވެވެނީ ކަންބޮޑުވުމާއެކު ރަޙްމަތްވެސް ތިބާއާއެކު ވާކަން ނުވިސްނޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މާޔޫސް ތިއަވެވެނީ ކަންބޮޑުވުމާއެކު ރަޙްމަތްވެސް ތިބާއާއެކު ވާކަން ނުވިސްނޭތީ!

ތަކްލީފަށް ކެތްތެރިވުމުން، ތަކްލީފްގެ ވަޤުތުގައި ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ އިތުރަށް ކުއްތަންވާން މަސައްކަތްކުރުމުން ﷲ ތަޢާލާ ރަޙްމަތް ލައްވާ ގޮތް ގިނަ ބައެއް މީހުންނަށް ނުވިސްނޭތީ ހިތުގައި ސުވާލުތައް އުފެދެއެވެ.  

މިޘާލަކަށް އެމީހާއަށް ކުރިމަތި ކުރެއްވެވި ކަންތަކުން ސަލާމަތްކޮށްދެއްވެވުން އެދިގެން ދުޢާކުރަމުން ދިއަނަމަވެސް އެމީހަކަށް އޭނާ އެދޭ ގޮތަށް އެކަން ހިންމަވައި ނުދެއްވަވައި ލަސްކުރައްވަވައިފާނެއެވެ. އެމީހާއަށް ކުރިމަތިވެގެން އުޅޭ މައްސަލައަކީ ބައިވެރިޔާގެ ކިބައިން ކުރިމަތިވާ މައްސަލައަކަށްވެދާނެއެވެ. އޭނާ ދުޢާކުރަމުން ދިއައީ ބައިވެރިޔާ އިޞްލާޙްވެ ދެމަފިރިންގެ ގުޅުން ރަނގަޅުވުމަށް ކަމަށްވެދާނެއެވެ.   

އެމީހަކީ ތަނެއްގައި ވަޒީފާއަދާކުރާ މީހަކަށްވެދާނެއެވެ. އެޙާލަތުގައި އޭނާގެ ވަޒިފާމަތިވެ މުސާރަބޮޑުވެދާނެއެވެ. އެހެންވެސް ތަފާތު ކަމަކުން ރަހްމަތް ލައްވަވައިފާނެއެވެ.  

މާނައަކީ ތަކްލީފެއް އުފުލަންޖެހުމުން ކެތްތެރިވެ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެއްޖެނަމަ ކޮންމެވެސް އެއް މަގަކުން އޭނާއަށް ރަހްމަތް ލައްވަވާނެ ކަމެވެ. ޤުރްއާނުގައި އޮތީ ކޮންމެ ތަކްލީފަކާއިއެކުގައި ރަޙްމަތެއްވާކަމަށެވެ. އެރަޙްމަތް މިންވަރުކުރައްވަވާނީ ކޮންކަމަކުން ކަމެއް ނުއެނގޭނެއެވެ.  

އެހެންވީމާ ކެތްތެރިވެ ދުޢާކުރާ މައްސަލަ ޙައްލުނުވެ ދިގުލައިގެން ދިއުމަކީ ދުޢާ ޢިޖާބަނުކުރެއްވެވުމެއް ނޫނެވެ. އަދި ރަޙްމަތް ނުލެއްވެވުމެއްވެސް ނޫނެވެ. ވީމާ ދުޢާ ޢިޖާބަ ނުކުރެއްވެވި ކަމަށް ނުވަތަ ރަޙްމަތް ނުލެއްވެވި ކަމަށް ބަލައި މާޔޫސްވެގެންނުވާނެއެވެ.  

އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. ތިބާ އެދިގެން ދުޢާކުރާ ކަންތައް ޙާޞިލުނުވެ ލަސްވުމަކީވެސް ރަޙްމަތެއް ކަމަށް ޤަބޫލުކޮށްފިނަމަ އެދެވެނީ އީމާންކަމުގެ އެންމެ މަތީ ދަރަޖައަށެވެ. އެހެނީ ރަހްމަތަކަށްޓަކައި މެނުވީ އެއްވެސް ތަކްލީފެއް މިންވަރު ނުކުރައްވަވާނެތީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން