އިޚްލާޞް ސޫރަތާ ކައުޘަރު ސޫރަތުގެ މަތިވެރިކަމުން މިންވަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 28ސ
އިޚްލާޞް ސޫރަތާ ކައުޘަރު ސޫރަތުގެ މަތިވެރިކަމުން މިންވަރެއް!

އިޚްލާޞް ސޫރަތާއި ކައުޘަރު ސޫރަތަކީ ކީރިތި ޤުރްއާނުގައިވާ އެންމެ ކުރު ސޫރަތްތަކުގެތެރެއިންވާ 2 ސޫރަތްކަމުން ބައެއް މީހުން އެ 2 ސޫރަތް ނަމާދުގައި ވަރަށް ގިނައިން ކިޔަވައެވެ. ނަމަވެސް އެ 2 ސޫރަތުގެ ބުރަދަން ހިތަށް ގެނެވެނީ ވަރަށް މަދު މީހަކަށެވެ. ކިޔަވާއިރު ދޭންޖެހޭ ސަމާލުކަންވެސް ދެނީ މަދުމީހެކެވެ.  

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ސޫރަތުލް އިޚްލާޞް އަކީ ކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައި ކަމުގައެވެ. އެއިގެ މާނައަކީ އެ ސޫރަތް ކިޔަވައިލުމުން ކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައި ކިޔެވުނުކަމަށްވުމެއް ނޫނެވެ. އަދި އެ ސޫރަތް 3 ފަހަރު ކިޔެވުމުން މުޅި ޚަޠިމް ކިޔެވުނު ކަމަށްވުމެއް ވުމެއްވެސް ނޫނެވެ! އެއިގެ މާނައަކީ އެހައިމެ މަތިވެރިކަން އެމީހަކަށް ލިބިގެންދާނެ ކަމެވެ.  

މިކަމުގެ ސަބަބު ބަޔާންކޮށް ދެއްވަވަމުން ތަފްސީރު ޢިލްމްވެރިން ވިދާޅުވަނީ ކީރިތި ޤްރްއާން 3 ބައަކަށް ބެހިގެންވާ ކަމަށާއި އެއިގެ ތެރެއިން އެއްބައަކީ ﷲ ތަޢާލާގެ ނަންފުޅުތަކާއި ﷲ ތަޢާލާގެ މަތިވެރިކަން ކަމަށެވެ. އަދި ސޫރަތުލްއިޚްލާޞް އަކީ މުޅި މިބައިގެ ޚުލާޞާއެއް ކަމަށެވެ. އަނެއް ބައަކީ ޝަރުޢީ ޤާނޫނުތަކެވެ. ޙަރާމް ޙަލާލް، ދީނުގެ ފަރުޟުތަކާއި ކަންކަން އަންގައިދޭ ބައެވެ. އަނެއް ބައަކީ ސުވަރުގެ ޢާއި ނަރަކައާއި ރަސޫލްބޭކަލުންގެ ވާހަކަފުޅުތައް ކަމަށެވެ.  

އިޚްލާޞް ސޫރަތް ބާވައިލެއްވުނީ އިސްލާމް ދީނުގެ ވަރަށް ކުރީ ކޮޅުގައި މީހަކު ރަސޫލް (ﷺ) އަށް ދެންނެވި ސުވާލުތަކެއްގެ ޖަވާބުގައެވެ. ރަސޫލް (ﷺ) އިސްލާމް ދީނުގެ ކަންކަން ހާމަކުރައްވަވަން ފެށްޓެވުމުން އެމީހާ އައިސް ދެންނެވިއެވެ. "ތިއަ ދައްކަވަނީ ކޮން އައު ދީނެއްގެ ވާހަކަފުޅުތަކެއްތޯއެވެ؟ ކޮން ސިފައަކަށް ހުންނަ ކަލެއްގެ ވާހަކަތަކެއްތޯއެވެ؟ ކޮން ޢާއިލާއަކަށް ނީޞްބަތްވާ ކަލެއްގެ ވާހަކަފުޅުތޯއެވެ؟ އެކަލާނގެ ހަދާފައިވަނީ ކޮން ބާވަތެއްގެ މަޢްދަނަކުންތޯއެވެ؟  

އެހެނީ އެއިރު މުޝްރިކުން އަޅުކަންކޮށް އުޅުނީ އެމީހުންގެ އަމިއްލަ އަތްތަކުން ތަފާތު މައްދަނުތަކުންނާއި ލަކުޑިން ތަފާތު ސިފަސިފައަށް ހަދާފައިވާ ތަކެއްޗަށްވެ. އަދި ދީނުގެ ވާހަކަތައް ހުންނަނީ ކަލާނގެއަށް ޢާއިލާތަކެއްވާކަން ދޭހަވާ ގޮތަށެވެ. ކަލާނގެ އަނބިމީހާ، ކަލާނގެ ދަރިފުޅު ފަދަ ގޮތްގޮތަށެވެ.  

އިޚްލާޞް ސޫރަތުގެ މާނަ:

"ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. ﷲ އީ، އެންމެހައި ތަކެތި އެކަލާނގެއަށް ބޭނުންތެރިވގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންފުޅުވެވޮޑިގެންނުވާ، ރަސްކަލާނގެއެވެ. އެކަލާނގެއަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއްވެސް ނުމެވޭމެއެވެ. އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކައްޗެއްވެސް ނުވެއެވެ."  

މީސްތަކުން އެންމެ ގިނައިން ކިޔައި އުޅޭ 2 ސޫރަތަކީ ސޫރަތުލްއިޚްލާޞް ޢާއި ސޫރަތުލް ކައުޘަރުއެވެ. މި ދެ ސޫރަތަކީ އެންމެ ގިނަ ބައަކު އެންމެ ފުރަތަމަ ދަސްކުރާ 2 ސޫރަތްވެސް މެއެވެ. އެހައިމެ ކުރު 2 ސޫރަތްވެސް މެއެވެ.  

އެހެން ކޮންމެ ދީނަކަށް ބެލި ނަމަވެސް އެދީނުގައި ކަލާނގެއާއިމެދު ޤަބޫލުކުރަ ގޮތް މުސްލިމުންނާއި މުޅިން ތަފާތުވާނެއެވެ. އަހަރެމެން އެއިން އެއްވެސް ގޮތެއް ޤަބޫލެއް ނުކުރަމުއެވެ. އަހަރެމެން މި ޤަބޫލުކުރަނީ ﷲ ތައާލާއީ އެންމެހައި ފުރިހަމަކަމެއް ލިބިވޮޑިގެންވާ އެއްކައުވަންތަ ރަސްކްލާނގެ ކަމަށެވެ. ﷲ ތަޢާލާ އާއި އެއްފަދަވެގެންވާ އެހެން އެއްވެސް ފަރާތެއް، އެއްވެސް އެއްޗެއް ނުވާކަމަށެވެ. ﷲ ތަޢާލާއީ އެއްވެސް ދެވަނަ ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅުވެ ވޮޑިގެން ނުވާ އެހެން ނަމަވެސް އެކަލާނގެ ޙަޟްރަތުން އެހެން އެންމެން ހުރިހާ ކަމެއްގައިވެސް އެދި ދަންނަވަން ޖެހޭ މަތިވެރި ރަސްކަލާނގެ ކަމަށެވެ. އަދި ﷲ ތަޢާލާއަށް އެއްވެސް އެއްޗެއް އުފަންވެގެން ނުވާކަމަށާއި އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވޮޑިގެނެއްވެސް ނުވާކަމަށާއި އަދި އެކަލާނގެއާއި އެއްފަދަވެގެންވާ، ހަމައެކައްޗެއްވެސް ނުވާ ކަމަށްވެސް އަހަރެމެން އެބަ ޤަބޫލުކުރަމުއެވެ. މިއީ ކޮންފަދަ ފުރިހަމަ އަދި ރިވެތި ސިފަކުރެއްވުމެއްތޯއެވެ.  

ސޫރަތުލް ކައުޘަރަކީ ރަސޫލް (ﷺ)ގެ ދިފާޢުގައި ބާވައިލެއްވެވި ސޫރަތެކެވެ. އިޚްލާޞް ސޫރަތަކީ ﷲ ތަޢާލާގެ މަތިވެރިކަން ދިފާޢުކުރައްވަވައި ބަޔާންކޮށްދެއްވެވުމަށް ބާވައި ލެއްވެވި ސޫރަތެކެވެ. އެސޫރަތުގައި ބަޔާންކުރައްވަވާފައިވަނީ ﷲ ތަޢާލާގެ ސިފަފުޅުތަކުގެ ފުރިހަމަކަމެވެ. ކުޅަދުންވަންތަކަމުގެ ބޮޑުކަމެވެ. ސޫރަތުލްކައުޘަރުގައި ބަޔާން ކުރައްވަވާފައިވވަނީ ރަސޫލް (ﷺ)ގެ ފުރިހަމަ ކަމެވެ. މަތިވެރިކަމެވެ. މިދެ ސޫރަތް އެކުގައި ޖަމާކޮށްފިނަމަ ޝަހާދަތް އެކުގައި ހިމެނިގެންދާނެއެވެ. ނަމާދުކުރާ މީހުން ކޮންމެ ދުވަހަކު އެތައް ފަހަރަކު މި ދެސޫރަތް ކިޔަވައެވެ. އަދި ނަމާދު ނުކުރާ މީހަކު ނަމަވެސް މިދެ ސޫރަތް ނުދަންނަ މީހަކު ވަރަށް މަދުވާނެއެވެ.  

ސޫރަތުލް އިޚްލާޞް އަކީ ރަސޫލް ޞައްލަﷲ ޢަލއިހިވަސައްލަމަ ކޮންމެ ރެއަކު އެންމެފަހުން ކިޔަވައި ވިދާޅުވި ސޫރަތެވެ. އަދި އަވަހާރަފުޅުން ހޭފުޅު ލެއްވެވުމާއިއެކު އެންމެ ފުރަތަމަ ވިދާޅުވާ އެއް ސޫރަތެވެ. ފަތިސް ނަމާދުގެ ކުރިން ކުރާ އިހު ސުންނަތުގެ ދެރަކްޢަތުގައި ރަސޫލް  ޞައްލަﷲ ޢަލއިހިވަސައްލަމަވިދާޅުވީ ކާފިރޫން ސޫރަތާއި އިޚްލާޞް ސޫރަތެވެ. އެހެންކަމުން ފަތިސް ނަމާދުގެ އިހު ސުންނަތުގައި އެ 2 ސޫރަތް ކިޔެވުން މިވަނީ ސުންނަތަކަށްވެފައެވެ. ރޭގަނޑު އެންމެފަހުން ކުރާ ނަމާދަކީ ވިތްރި އެވެ. ވިތްރިގެ ފަހު ރަކްޢަތުގައި ރަސޫލް ޞައްލަﷲ ޢަލއިހިވަސައްލަމަ ކިޔަވައި ވިދާޅުވީ އިޚްލާޞް ސޫރަތެވެ. އެހެންކަމުން އިޚްލާޞް ސޫރަތުން ދުވަސް ފަށްޓަވައި އިޚްލާޞް ސޫރަތުން ދުވަސް ނިންމެވުން ފަދައެވެ.  މީގެ އިތުރުން ޠަވާފް ކުރައްވައި ނިންމަވައި ކުރައްވަވާ 2 ރަކްޢަތުގައި ވެސް ސޫރަތުލްއިޚްލާޞް ވިދާޅުވެއެވެ. ވީމާ އސޫރަތަކީ އެންމެ ގިނައިން ރަސޫލް ޞައްލަﷲ ޢަލއިހިވަސައްލަމަ ކިޔަވައި ވިދާޅުވި އެއް ސޫރަތެވެ.  

އިމާމަކު ނަމާދުގެ ކޮންމެ ރަކްއަތެއްގައި އިޚްލާޞް ސޫރަތް ވިދާޅުވާތީ ބައެއް މީހުން ކަންބޮޑުވެ ޝަކުވާ ކުރިއެވެ. އިމާމް ހަމައެކަނި އިޚްލާޞް ސޫރަތް ކިޔަވަނީއެއް ނޫނެވެ. އެ ސޫރަތާއިއެކު  ދިގު ސޫރަތެއްވެސް ކިޔަވައެވެ. އެކަމާއި ބައެއް މީހުން އިމާމް ވިދާޅުވަނީ އެއީ އޭނާ ބޭނުންވާ ގޮތް ކަމަށާއި ރުޅި އަންނަ މީހަކު ރުޅި އައިނަމަވެސް ކޮންމެ ރަކްއަތެއްގައި ވެސް އިޚްލާޞް ސޫރަތް ވިދާޅުވާނެ ކަމަށެވެ. އަހަރެން ކުރާ މިކަމާއިމެދު ހިތްހަމަ ނުޖެހޭނަމަ އެހެން އިމާމަކު ހޯދި ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ. އެއްވެސް މީހަކަށް އިތުރު ތަފްޞީލު ނުދިނުމުން އެންމެފަހުން މިކަމުގެ ޝަކުވާ ރަސޫލް (ﷺ) އަށް ހުށަހެޅިއެވެ. ރަސޫލް (ﷺ) ޙަދީޘްކުރެއއްވެވީ އިމާމް އާއި ބައްދަލުކޮށް އިމާމް އެކަންކުރާ ސަބަބު ބަޔާންކުރުމަށް އެކަލޭގެފާނު ވިދާޅުވި ކަމަށް ބުނުމަށެވެ. އެގޮތަށް ބުނުމުން އިމާމް ތަފްޞީލު ދިނެވެ. "އަހަރެން ސޫރަތުލްއިޚްލާޞް ކިޔަވަނީ އެސޫރަތުގައި އަހަރެންގެ ވެރި އިލާހުގެ ކިބައިގައި ހުންނަން އަހަރެން އެންމެ އެދޭ ހުރިހާ ސިފަފުޅުތައް އެސޫރަތުގައި ބަޔާންވެގެންވާތީ އެވެ. އެހެންވެ އެ ސިފަފުޅުތައް ގިނަގިނައިން ކިޔަން އަހަރެން ލޯބިކުރާތީއެވެ." އިމާމް ބުނި ބަސްތައް ރަސޫލް ޞައްލަﷲ ޢަލއިހިވަސައްލަމަ އަށް ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ. "ކަލޭ ގޮސް އިމާމް ކައިރީގައި ބުނާށެވެ. ސޫރަތުލްއިޚްލާޞްއަށް އިމާމްގެ ހިތުގައި އޮތް ލޯބީގެ ސަބަބުން ﷲ ތަޢާލާ އިމާމް  ސުވަރުގެ ވައްދަވާނެތެވެ."  

ނިކަން ވިސްނައިބަލާށެވެ. ފެނިގެން މިދިއައީ ސުރަތުލްއިޚްލާޞްއަށް ހިތުގައި އޮތް ލޯބި ބޮޑުވުމުން މީހަކަށް ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ދެއްވެވިތަނެވެ. ކޮންފަދަ އުފާވެރި ޚަބަރެއް ހެއްޔެވެ؟ ސޫރަތުލްއިޚްލާޞްއަށް ލޯބިކުރަންވީ، އަދި ގިނަގިނައިން ކިޔަވަންވީ އެއީ ކިޔަވަން ފަސޭހަ ކުރު ސޫރަތެއް ވެގެނެއް ނޫނެވެ. އެ ސޫރަތުގައި ﷲ ތަޢާލާގެ ސިފަފުޅުތައް އެންމެ ފުރިހަމައަށް ބަޔާން ކުރައްވަވާފައިވާތީއެވެ. އެސޫރަތުގެ ބަރަކާތް ކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައި ކަމުގައިވާތީއެވެ. އެސޫރަތަކީ ސޫރަތުލްކައުޘަރު އާއި ގުޅިލާމެހިފައިވާ ސޫރަތަކަށްވާތީއެވެ.  

ސޫރަތުލް ކައުޘަރުގެ މާނަ: 

"ހަމަކަށަވަރުން، ތިމަން ﷲ ގިނަގުނަވެގެންވާ ހެޔޮކަން (އެއިގެތެރޭގައި ކައުޘަރުއޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވެވީމެވެ. ފަހެ، ކަލޭގެފާނުވެރި ރަސްކަލާނގެއަށް ކަލޭގެފާނު ނަމާދުކުރައްވަވާށެވެ! އަދި ޤްރުބާން ކުރައްވަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރުވާ މީހާ އެއީ، ހުރިހާ ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ."

 

- ޔާސިރު ޤާޟީގެ ޚުޠުބާއަކުން

މިއަދު އޮންލައިން