މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 1.3 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހު އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް ޖުމްލަ 1.37 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 975.5 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %41.1 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އިންކަމް ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައެވެ. މީގެ އިތުރުން އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ ޓެކުހާއި، ބޭންކުތަކުން ނަގާ އިންކަމް ޓެކްސް ވެސް މި އާމްދަނީގެ ތެރޭގައި ހިމެނެއެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާއިރު، މީރާއިން އަންނަނީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ގަވާއިދުން ޓެކްސް ދެއްކުމަށް ބާރުއަޅައި، ޓެކްސް ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.