ދުވާލަކު 100 ޓަނުގެ މަސް ބަންދުކުރެވޭނެ ޒަމާނީ ފެސިލިޓީގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ދުވާލަކު 100 ޓަނުގެ މަސް ބަންދުކުރެވޭނެ ޒަމާނީ ފެސިލިޓީގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށަނީ

ޅ. ފެލިވަރުގައި ދުވާލަކު 100 ޓަނުގެ މަސް ބަންދުކުރެވޭނެ ފަދަ ޒަމާނީ ފެސިލިޓީއެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ތައްޔާރީތައް މިހާރު ވަމުންދާކަން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން މަސްވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ފެލިވަރުގައި އަލަށް ޤާއިމުކުރާ މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ އަމަލީ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފެލިވަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފޭސް ނުވަތަ ކޮމްޕޮނެންޓް އޭގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ. މީގެ ތެރޭގައި 400 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމާއި، ދުވާލަކު 250 ޓަނުގެ މަސް ގަނެވޭނެ ވަސީލަތްތައް ޤާއިމުކުރުން ހިމެނެއެވެ. ސްޓޭޓް މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަސައްކަތްތައް މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެއެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުއްޠަލިބު ވިދާޅުވީ، "އުންމީދުކުރާ ސްޕީޑަކު މަސައްކަތް ކުރިއަށްކަަމަށް ނުއެއްދޭ. އެކަމަކު އިންޑިއާ ސަރުކާރުގެ އެހީ ވަކިން ހާއްސަކޮށް އިންޑިއާ އެމްބަސީގެ އެހީތެރިކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލިބެމުންދޭ އެބަ އެއީ ކޮންޓްރެކްޓަރަކީ އިންޑިއާގެ ކޮންޓްރެކްޓަރަކަށް ވުމާއެކު އެމީހުން ޕުޝްކުރަންވެެގެން،" ކަމަށެވެ. މިގޮތުން މަސައްކަތް ބާރުގަނޑުކޮށްގެން މިއަހަރުގެ ޖޫން ނުވަތަ ޖުލައި ހިސާބަށް މިހާރު ހިނގަމުންދާ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެލިވަރު ތަރައްޤީކުރުމުގެ މި ބިޔަ މަޝްރޫއަކީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މަސްވެރިކަމުގެ ވުޒާރާއިން ލަފާކުރައްވާ ގޮތުގައި ފެލިވަރު ތަރައްޤީކުރުމުގެ ހުރިހައި މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނީ 2027 ވަނަ އަހަރަށެވެ.

މިއަދު އޮންލައިން