ރާއްޖެއަށް ބޭނުންވާ ތެލާ ގޭސް ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ތެލުގެ އިތުރު ދެ ޝިޕްމެންޓް އަންނަ ހަފްތާގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯއިން ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރުމުގައި މިވަގުތު އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އަންނަ ހަފްތާގައި ލިބޭ އައު ޝިޕްމެންޓްތަކާއެކު، މިހާރު ހުރި ސްޓޮކުން އެއްވެސް ދަތިކަމެއް ނެތި ތެޔޮ މެނޭޖްކުރެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ތެލުގެ އިތުރުން، ކައްކާ ގޭހުގެ އައު ޝިޕްމެންޓެއްވެސް އަންނަ ހަފްތާގައި ރާއްޖެއަށް ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ. މިވަގުތު ގޭހަށް އޮތް ޑިމާންޑް އާދަޔާ ހިލާފަށް އިތުރުވެފައިވާތީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭހުން މިހާރު ގޭސް ވިއްކަމުން ދަނީ ވަކި މިންވަރަކަށް ލިމިޓްކޮށްގެންނެވެ.
މިގޮތުން، 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި މިވަގުތު ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުން ދަނީ 5 ކިލޯގެ ގޭސް ފުޅި ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. "މި ފިޔަވަޅަކީ މި ހަފުތާއަށް އެކަނި އެޅި ފިޔަވަޅެއް،" އެސްޓީއޯއިން ވިދާޅުވިއެވެ.
އެސްޓީއޯއިން އިތުރަށް ވިދާޅުވީ، އަންނަ ހަފްތާގައި ގޭހުގެ އައު ޝިޕްމެންޓް ލިބުމާއެކު، ގޭސް ވިއްކުމުގައި މިހާރު ގެންގުޅޭ ލިމިޓްތައް އުވާލައި، ކުރިއެކޭ އެއްގޮތަށް އާންމު އުސޫލުން ގޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.