ޤާނޫނުއަސާސީއަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ޤާނޫނުއަސާސީއަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް މުހިންމު ތިން އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާކަން ބަންޑާރަނައިބު އަހުމަދު އުޝާމް ހާމަކުރައްވައިފިއެވެ. ބަންޑާރަނައިބު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ހުރި މައްސަލަތައް ހައްލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ.

ބަންޑާރަނައިބު އުޝާމް އެކްސްގައި ހިއްސާކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، ޤާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ ތިން އިސްލާހަކީ: ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުން، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމެވެ.

މި އިސްލާހުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން އުޝާމް ވިދާޅުވީ، މިއީ އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނުއަސާސީން ސީދާ ލާޒިމްކުރާ ކަމެއް ކަމަށެވެ. ނަމަވެސް ދެން ހުރި އިސްލާހުތަކަކީ އެފަދަ ވޯޓެއް ބޭނުންވާ ކަންކަން ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، ޤާނޫނުއަސާސީގެ އިސްލާހަށް ބޭނުންވާ ފެންނަ ނުފެންނަ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. "މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ،" ބަންޑާރަނައިބު ވިދާޅުވިއެވެ. ކައުންސިލް އިންތިޚާބާ އެކު މި ވޯޓު ކުރިއަށް ގެންދިއުމުން ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންޑާރަނައިބު އިތުރަށް ވިދާޅުވީ ޤާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އިސްލާހުތައް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. މިހާރު ކުރިއަށްދަނީ މިކަމާ ގުޅޭ އެންމެ ފަހުގެ މަޝްވަރާތައް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން