ކަމަދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކަމަދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި

ސަރުކާރުން ކުރިއަށްގެންދާ ޕްރި ޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން، ބ. ކަމަދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމްކޮށް އެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ކަމަދޫގައި ސޯލާ ޕީވީ ސިސްޓަމްތައް ހަރުކޮށްފައިވަނީ އެ ރަށުގެ ދެ ސަރަޙައްދެއްގެ ފުރާޅުގައެވެ. އެގޮތުން ކަމަދޫ ސްކޫލާއި، އެރަށު ފެނަކަ އިންޖީނުގޭގެ ފުރާޅުގައި ޖުމްލަ 198 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމް މިހާރު ވަނީ އިންސްޓޯލްކޮށް ނިންމާފައެވެ.

މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ރައްކާކޮށް، މެދުކެނޑުމެއްނެތި ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި 160 ކިލޯ ވޮޓުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް ވެސް ވަނީ އެ ރަށުގައި ޤާއިމުކޮށްފައެވެ. މި ނިޒާމުގެ ސަބަބުން ރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު ބޮޑުތަނުން މަދުވެގެންދާނެއެވެ.

ޕޮއިސްޑް ޕްރޮޖެކްޓަކީ ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށް ހިންގޭ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ތެލަށް ކުރާ ހޭދަ ކުޑަވެ، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާޞިލުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މިއަދު އޮންލައިން