ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ ބޮޑުކުރުމުގެ އެއްވެސް މަޝްވަރާއެއް ނުކުރޭ: އެމްޕީއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ ބޮޑުކުރުމުގެ އެއްވެސް މަޝްވަރާއެއް ނުކުރޭ: އެމްޕީއެލް

މާލޭ ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ ބޮޑުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ ބޮޑުކުރުމާ ގުޅޭގޮތުން ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށެވެ. އެހެންކަމުން މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއާ އެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނޯތު ހާބަރުގެ ހިދުމަތްތައް ފުޅާކުރުމަށް އަންގަވާފައެވެ. އެގޮތުން "އޭ ޒޯން" ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލް އިން މިހާރު ދަނީ ކުރަމުންނެވެ.

އެމްޕީއެލްގެ އަމާޒަކީ އޮޑިދޯނިފަހަރަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް މި މަހު ގެނައި ބަދަލާއެކު، މުދާ އުފުލާ ބޯޓުފަހަރު ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް އެމްޕީއެލް އިން ފާހަގަކުރެއެވެ.

މަސްވެރިކަން ކުރާ އޮޑިދޯނިފަހަރަށް ހާއްސަކޮށްފައިވާ ނޯތު ހާބަރުގެ "ޑީ ޒޯން"، "އީ ޒޯން" އަދި "އެފް ޒޯން" ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް އެއްވެސް ފީއެއް ނުނަގާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އާންމުންގެ މަސްލަހަތާ ގުޅިފައިވާ މިފަދަ ކަންކަމުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ދޮގު ވާހަކަ ނުފެތުރުމަށް އެމްޕީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. އެ ކުންފުނިން ބުނީ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

މިއަދު އޮންލައިން