މާލެސިޓީގައި ފިޠުރު ޢީދު ނަމާދު ކުރާނެ މައިދާންތަކާއި މިސްކިތްތައް ހާމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
މާލެސިޓީގައި ފިޠުރު ޢީދު ނަމާދު ކުރާނެ މައިދާންތަކާއި މިސްކިތްތައް ހާމަކޮށްފި

މިއަހަރުގެ ފިޠުރު ޢީދު ނަމާދު މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވާ މައިދާންތަކާއި، ނަމާދު ކުރާނެ މިސްކިތްތަކުގެ ތަފްސީލު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިރޭ ހާމަކޮށްފިއެވެ. ކޮންމެ އަހަރަކުވެސް ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ކުރިއަށްގެންދާ އިންތިޒާމުތަކުގެ ދަށުން މިއަހަރުވެސް މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތައް ވަނީ ކަނޑައަޅާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގައެވެ. އަދި ވިލިމާލޭގައި ބޮޑު ޖަމާޢަތް އޮންނާނީ ވިލިމާލެ ބޯޅަދަނޑުގައެވެ.

ހުޅުމާލޭގެ ފޭސް އެކެއްގައި ބޮޑު ޖަމާޢަތް އޮންނާނީ ސިންތަޓިކް ޓްރެކްގައެވެ. ހުޅުމާލެ ފޭސް ދޭއްގައި ބޮޑު ޖަމާޢަތް އޮންނާނީ މަސްޖިދު ޙަސަން އާދަމްއާ ނިރޮޅުމަގާއި، ހީނާހިނގުމާއި، ފޭރުގަސްމަގާ އަދި ދުބުރިގަސް މަގާ އެއް އިންކޮށް އޮންނަ ހުސްބިމުގައެވެ.

މައިދާންތަކުގެ އިތުރުން މާލޭގެ 17 މިސްކިތެއްގައި ޢީދު ނަމާދު ކުރުން އޮންނާނެއެވެ. އޭގެ ތެރޭގައި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނެއެވެ. ވިލިމާލޭގައި މަސްޖިދުއްސަލާމްގައި ޢީދު ނަމާދު ކުރާނެއެވެ.

ހުޅުމާލެ ފޭސް އެކެއްގައި ޢީދު ނަމާދު ކުރާނީ މަސްޖިދުއްޝަހީމް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ، މަސްޖިދު ރަޝީދު، މަސްޖިދު ޢަޒީޒާ މޫސާ، މަސްޖިދު އަޞްދިޤާ އަދި މަސްޖިދުލްވާލިދައިނިގައެވެ. ފޭސް ދޭއްގައި ނަމާދު ކުރާނީ މަސްޖިދުލް ޢީމާން އަދި މަސްޖިދު ޢުޘްމާން ބިން ޢައްފާންގައެވެ.

ކުރީ އަހަރުތަކާ އެއްގޮތަށް، ޢީދު ނަމާދު ކުރާ ވަގުތު އަވަސްކުރުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތަށް މިއަހަރުވެސް ޢީދު ނަމާދު ފަށާނީ ހެނދުނު 7:00 ގައެވެ.

މިއަދު އޮންލައިން