އއ. އުކުޅަހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމާ ގުޅޭ އަމަލީ މަސައްކަތްތައް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
ދަޢުލަތުގެ ބަޖެޓުން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އުކުޅަހުގެ 2.68 ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރަށުގައި އާއްމުކޮށް ބޭނުންކުރާ 10 މަގެއް ހިމެނޭއިރު، އޭގެ ތެރޭގައި އާއްމު ޚިދުމަތްތައްދޭ މުވައްސަސާތައް ހުރި މަގުތަކާއި، ރަށުގެ ބޮޑު މަގުގެ އިތުރުން ބަނދަރު ސަރަޙައްދުގެ މަގުތައް ހިމެނެއެވެ.
މި މަޝްރޫޢުގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، މަގުތަކުގައި ޔުޓިލިޓީ ނެޓްވޯކްތަކުގެ މަސައްކަތްތަކާއި ފެން ހިންދާ ނެޓްވޯކް އަދި ޕޭމަންޓްތައް ހެދުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތް ކަމަށާއި، ވަރަށް އަވަހަށް ތާރު ފަށަލަ އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އުކުޅަހަކީ ރަޖިސްޓްރީވެފައިވާ އާބާދީގައި 1100 މީހުން ތިބި ރަށެއް ނަމަވެސް، ފަތުރުވެރިކަމާއި ސިނާޢީ އެކި ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި ކުރާތީ އެރަށުގައި ދިރިއުޅޭ އާބާދީ 2000 އަށް އަރައެވެ. އެހެންކަމުން މަގުތައް ހެދުމުގެ މަޝްރޫޢަކީ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް މުހިންމު މަޝްރޫޢެކެވެ.
2023 ވަނަ އަހަރުގެ މެދުތެރޭގައި ފެށި މި މަޝްރޫޢުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މިއީ އުކުޅަހުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިރަފުހާއި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ މަސައްކަތެކެވެ.