މިސްކިތުގެ ޖަމާޢަތުގަ ގޮނޑީގަ އިނދެކުރާނަމަ މިކަންކަމަށް ސަމާލުކަން ދިނުން ރަނގަޅުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
މިސްކިތުގެ ޖަމާޢަތުގަ ގޮނޑީގަ އިނދެކުރާނަމަ މިކަންކަމަށް ސަމާލުކަން ދިނުން ރަނގަޅުވާނެ!

ފުރަތަމަ ކަމަކީ ފަރުޟް ނަމާދުތައް ގޮނޑީގައި އިނދެގެން ކުރަންވާނީ ޙާލަތު މަޖުބޫރުވެއްޖެނަމައެވެ. ކިރިޔާވެސް ކޮޅަށް ހުރެވޭނަމަ ކުރަންވާނީ ކޮޅަށް ހުރެގެންނެވެ. (ގޮނޑިއާއި ނުލައެވެ.) 

މިސްކިތުގެ ޖަމާޢަތުގައި ކުރާ ނަމާދުތަކަށް ބަލައިފިނަމަ ގޮނޑީގައި ތިބެގެން ނަމާދުކުރާ މީހުންގެ ޢަދަދު އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. އެހެންކަމުން ސަމާލުކަން ދިނުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.  

ކޮންމެ މީހަކީވެސް ކޮންމެ ވަގުތަކުވެސް ބަލިވެދާނެ މީހެކެވެ. ގޮނޑީގައި އިށީނދެއިނދެގެން ނުވަތަ އޮށޯވެ އޮވެގެންވެސް ނަމާދުކުރަންޖެހިދާނެ މީހެކެވެ. އެއީ އެއްވެސް މީހެއްގެ އަމިއްލަ ބާރު ހިނގާ ކަންކަމެއް ނޫނެވެ.  

ގޮނޑީގައި އިށީނދެ އިނގެން ނަމާދުކުރަންޖެހިއްޖެނަމަ އެގޮތަށް ނަމާދުކުރުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. އެންމެ މުހިންމީ މިސްކިތަށް ކިރިޔާވެސް ދެވޭނަމަ މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދުކުރުމެވެ.  

ބައެއް މީހުން ނަމާދުކުރަނީވެސް އެކަމަށް ވިސްނައިގެންނެވެ. ވީހާވެސް ކުޑަ ގޮނޑިއެއްގައި އިނދެގެންނެވެ. ފާހަގަކޮށްލަން ބޭނުންވަނީ ގޮނޑީގައި ނަމާދުކުރާ މީހުންގެ ތެރޭގައި 2 ބައަކު ހިމެނޭ ކަމެވެ. ގޮނޑީގައި ނަމާދުކުރިނަމަވެސް އެއްބއަކަށް އެމީހުންގެ ދެފައިތިލަ ސަފުގައި ބަހައްޓައިގެން ނަމާދުކުރެވެއެވެ. އަނެއްބައަކަށް އެގޮތަކަށް ނުތިބެވެއެވެ.  

ސަފުގައި ދެފައިތިލަ ބަހައްޓައިގެން ނަމާދުކުރެވޭ މީހުން ސަފުގެ ކޮންމެ ތަނެއްގައި ތިބިނަމަވެސް ސަފު މެދުކެނޑިގެނެއް ނުދެއެވެ. ވީމާ އެމީހުން ސަފުގެ ކޮންމެ ތަނެއްގައި ތިބިނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ސަފުގައި ދެފައިތިލަ ބަހައްޓައިގެން ނަމާދުނުކުރެވޭނަމަ ރަނގަޅީ ކުރިއާލައި މިސްކިތަށްގޮސް އެފަދަ އެންމެން އެއްތަނެއްގައި ގޮނޑިބަހައްޓައިގެން ނަމާދުކުރުމެވެ. އެއިރުން ސަފުގައި ތިބޭ އެހެން މީހުންނަށް ފަސޭހަވާނެއެވެ. ސަފުމެދުކެނޑުމުގެ މައްސަލަވެސް ކުޑަވާނެއެވެ. މިޘާލަކަށް ދެގޮނޑި ދޭތެރޭގައި މިޙަކު ހުރެއްޖެނަމަ ދެގޮނޑި ކައިރިކޮށްލާފައި އެމީހާއަށް ސަފާއިގުޅުމުގެ ފުރުޞަތުދިނުން ރަނގަޅުވާނެއެވެ. އެހެންވެ ސައުދިޢަރަބިޔާގެ ބައެއް މިސްކިތްތަކުގައި ގޮނޑީގައި ތިބެ ނަމާދުކުރާ މީހުންނަށް ޚާއްޞަ ސަރަހައްދުތަކެއްވެސް ކަނޑައަޅާފައި ހުރެއެވެ.  

ދެންވެސް ބުނެލަން ބޭނުންވަނީ ކޮންމެ ޙާލެއްގައި ނަމާދުކުރަން ނަމަވެސް ކިރިޔާވެސް މިސްކިތަށް ދެވޭނަމަ މިސްކިތަށްދާންވާނެއެވެ. ޖަމާޢަތުގައި ނަމާދުކުރަން މަސައްކަތްކުރަންވާނެއެވެ. އެކަމުން ލިބެން އޮތް ގިނަގުނަ ޘަވާބު ދޫކޮށްލަން ހެޔޮވެސް ނުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން