ނަރަކައިގެ ހޫނުން އެންމެ ކުޑަ މިންވަރު އިޙްޞާޞްކުރަން ޖެހޭ މީހާ ބުނާނެ ބަސް އެނގޭ ހެއްޔެވެ؟
އޭނާގެ ގައިގައި ނަރަކައިގެ އަލިފާން ނުވެސް ޖެހެއެވެ. ހަމައެކަނި ހޫނުކަން އެންމެ ކުޑަމިނުގައި ވައިރޯޅިއެއް ފަދައިން އައިސް ބީހިލަނީއެވެ. ހަރުލާފައި ހުންނަނީއެއްވެސް ނޫނެވެ. ބީހިލާފައިދަނީއެވެ. އެފަދަ މީހުން ވެސް ބުނާނީ މިވަރުގެ ގަދަފަދަ ޢަޛާބެއް ދުވަހަކުވެސް ނުދެކޭ ކަމަށެވެ. ނަރަކައިގެ އެންމެ އަޑީގައި އޮންނަން ޖެހުނު ކަމަށް އިޙްޞާޞް ކުރެވުނު ފަދަ ކަމަށެވެ.
ވީމާ މީސްތަކުންނޭވެ! ނަރަކައިގެ އަލިފާނަށް ބިރުވެތިވާށެވެ. ނަރަކައަށް ވަންނަން ޖެހިއްޖެ ނަމަ ލިބޭނެ ގަދަފަދަ ޢަޛާބަށް ބިރުވެތިވާށެވެ! ހަފްތާ ބަނދުގައިވެސް އަދި އެނޫން ދުވަހަކުވެސް ތިމާއަށް ނަރަކައަށް ވަންނަން ޖެހިދާނެ ކިތަންމެ ކުޑަ އަމަލެއް ނަމަވެސް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ކިރިޔާވެސް ސަލާމަތްކމެއް ލިބޭނީ އެއިރުންނެވެ.
ކާފިރުން ކުރާހާ ކަމެއްކޮށް އެމީހުން އުޅޭހައި ގޮތަކަށް އުޅެން މަސައްކަތްކުރަން ހަދައިގެން މުސްލިމުންގެ ގިނަ ބައަކު އެދަނީ ކުރާހައި އަޅުކަން އަމިއްލައަށް ނަގާލައި ބަނގުރޫޓުވަމުންނެވެ. މިއީ ކޮންމެ މުސްލިމަކުވެސް ސަމާލުކަންދޭންޖެހިފައިވާ މައްސަލައެކެވެ.
ބައެއް މީހުން ހަފްތާގެ 6 ދުވަހު އަޅުކަންކުރުމަށްފަހު ހަފްތާ ބަންދުގައި "ގެޓްޓުގެދަރ"ގެ ނަމުގައި ޕާޓީ ބާއްވައި ފާފަކުރެއެވެ. "ވީކްއެންޑަށް" ގޮސް ފާފަތައް ކުރެއެވެ. ދަތުރުގޮސް ފާފަތައް ކުރެއެވެ. އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ 6 ދުވަހު އަޅުކަންކޮށްފައި އެންމެ ދުވަހަކު ފާފައެއް ކޮށްލުމަކީ މައްސަލައެއް ނޫން ކަމަށެވެ.
އެފަދައިން ވިސްނާ މީހުން ރަނގަޅަށް އަޑުއަހާށެވެ! މީހަކަށް ފާފައެއް ކުރެވުމާ ދުރާލާ ރާވައިގެން ފާފަކުރުމަކީ މުޅިން ތަފާތު ދެކަމެކެވެ. ދުރާލާ ރާވައިގެން ފާފަކުރާނަމަ އެކަމުން އަންގައިދެނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ބިރުވެތިކަމެއް ނެތްކަމެވެ. އެއީ އެންމެ ނުރައްކާތެރި އެއް މައްސަލައެވެ.
ފުރަތަމަ ކަމަކީ ﷲ ތައާލާ ޙަރާމް ކުރެއްވެވި ކަމަކަށް ޤަޞްދުގައި އަރައިގަންނަ ނަމަ އެމިހަކީ ފުރިހަމަގޮތުގައި އީމާންވެ ތަޤްވާވެރިވެގެން ހުރި މީހެއް ކަމުގައި ނުވާނެކަމެވެ. ހަމަ އެއާއިއެކު އެފަދަ މީހަކު ނުވަތަ އެހެން މީހަކުނަމަވެސް ކުރާ އަޅުކަން ﷲ ތައާލާ ޤަބޫލުފުޅު ކުރައްވަވާކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެއްވެސް ފާފައެއް ނުކުރާ މީހުން ކުރާ އަޅުކަން ޤަބޫލުފުޅު ކުރައްވަވާކަންވެސް މިއުޅެނީ ޔަޤީން ނުކުރެވިގެންނެވެ. ޔަޤީން ކުރެވޭނެ އެއްވެސް ގޮތެއް ނެތިގެންނެވެ.
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން