ކޮންމެ މީހަކުވެސް ތަނަވަސްކަމާއި އުފާވެރިކަން ބޭނުންވެއެވެ. އުފާވެރިކަން މިމަޤާމުގައި ބޭނުން މިކުރަނީ އުފާވެރި ޒަވާޖީ ޙަޔާތަކަށެވެ. ހިތްހަމަޖެހިލައިގެން ދެމަފިރިން އެކުގައި އުޅުމަށްވެސް ބޭނުންވެއެވެ. ސުވާލަކީ ތިބާއަށް އެކަންކަން ޙައްޤު ހެއްޔެވެ؟
ފުރަތަމަ ކަމަކަށް ސަމާލުކަން ދެއްވައިގެން މިލިޔުމުގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! އެހިސާބުން ނިންމަވައި ނުލައްވަވައި ލިޔުމުގައި ދެންހުރި ވާހަކަތައްވެސް ވިދާޅުވެލައްވާށެވެ! ފައިދާކުރާނެ ފިލާވަޅަކަށްވާނެއެވެ. އިން ޝާ ﷲ
"އަޅުގަނޑަކީ ދިރިއުޅެން ކުރާ މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭ މީހެކެވެ. ނަމަވެސް އަތުގައި ފައިސާ ހަރުލާ ގޮތެއް ނުވެއެވެ. އަބަދުވެސް އުޅެންޖެހެނީ ލިބޭވަރަށްވުރެ އިތުރަށް ޚަރަދުތައް ކުރަންޖެހިގެންނެވެ. ޢާއިލާގެ ކޮންމެވެސް މީހަކު ބަލިވެގެން ނުވަތަ އެނޫންވެސް ކޮންމެވެސް ބޮޑު ކަންތައް ގަނޑެއް ޖެހިގެންނެވެ.
މީގެ އިތުރުން ދެމަފިރިންގެ މެދުގައި އަބަދުވެސް އޮންނަނީ މައްސަލަތައް ޖެހިފައެވެ. ގިނައީ މޫނުދިމާނުކުރެވޭ ދުވަހެވެ. މިކަންކަމަށް ޙައްލެއް ފެނޭތޯ ދީނީ ޢިލްމުވެރިއަކާއި މަޝްވަރާކޮށްލުމުން ފުރަތަމަވެސް ސުވާލުކުރެއްވީ އަޅުގަނޑުގެ ޢިއްފަތްތެރިކަމާއިމެދުގައެވެ.
ލަދުން ހަލާކުވިއެވެ. ބިރުން ތުރުތުރުއަޅައިގަތެވެ. ހީވީ ޝައިޚަށް އަހަރެން އެހައި ސިއްރުން ކުރަމުން އަންނަ ކަންކަން އެނގިފައި އޮތީހެންނެވެ. ކޮންމެއަކަސް ދޮގުނުހަދާ ތެދަށް ކިޔައިދިނުމުން ޝައިޚް ވިދާޅުވީ ފުރަތަމަކަމަކަށްވެސް ހިލޭ އަންހެނުންނަށް ފައިސާ އިސްރާފްކުރުން ހުއްޓާލުމަށެވެ. އަދި ތަޤްވާވެރިކަން އިތުރުކުރުމަށެވެ.
ޝައިޚް ވިދާޅުވިއެވެ. "ތިއަ ބޭވަފާތެރިވެވެނީ އަނބިމީހާއަކަށް ނޫނެވެ. ތިބާ އަށް ނިޢްމަތްތައް ދެއްވަވާ ފަރާތަށެވެ. ފައިސާ ދެއްވެވުމުން ޚަރަދުތިއަކުރަނީ އެކަލާނގެ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންކަމަށެވެ. ކިތަންމެ ގިނައިން ފައިސާ ލިބުނަސް މަދުން ލިބުނަސް ފައިދާކުރާނީ އެއިގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުމުންނެވެ."
އެވަގުތުން ފެށިގެން އަޅުގަނޑު ޢަޒުމް ކަނޑައެޅީ އުޅުން އިޞްލާޙްކުރުމަށެވެ. ހިލޭ އަންހެނުންނަށް ޚަރަދުނުކުރުމަށެވެ. ދާދިއަވަހަށް އެކަމުގެ ނަތީޖާ ފެންނަން ފެށިއެވެ. ލިބޭ އާމްދަނީން ފުދި އިތުރުވާންވެސް ފެށިއެވެ. ދެމަފިރިންގެ ގުޅުންވެސް ރަނގަޅުވިއެވެ.
މިއީ މިއަދުނޫހުގެ ކިޔުންތެރިއަކި ހިއްޞާކުރި މަޢްލޫމާތެކެވެ. މި މައްސަލައަކީ މިހާރު މުޖުތަމައުގައި އެންމެ ބޮޑަށް ޢާންމުވެފައިވާ ކަމުގައިވާތީ ގުޅުންހުރި ބައެއްކަންކަން ޙިއްޞާކޮށްލާނަމެވެ.
މިޒަމާނުގެ ތަހްޒީބު ޑިމޮކްރަސީގައި ފާހިޝް ޢަމަލުތައް ކުރުމަކީ ކުށެއް ނޫނެވެ. އެއީ ހަމަ ޢާންމު ދިރިއުޅުމުގެ ބައެކެވެ. ދެމީހުން ރުހިގެން ކުރާނަމަ ޒިނޭކުރުމަކީވެސް ކުށެއް ނޫނެވެ. ކުށަކީ އެކަމަށް ހުރަސް އެޅުމެވެ. އެކަމަށް ހުރަސް އެޅުން އެއީ އެދެމީހުންގެ މިނިވަންކަމަށް ހުރަސްއެޅުމެވެ.
ނަމަވެސް ކަމުގެ ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އެއީ ތަހްޒީބެއް ނޫނެވެ. އަމަލު އެކުރެވެނީ ޖަނަވާރުން ދިރިއުޅޭ ގޮތަށެވެ. އެއީ ޑޮކްރަސީއެއްވެސް ނޫނެވެ. އެއީ ތިމާ "ކްރޭޒީ" ވުމެވެ. ހަމަބުއްދިފިލައި ދިއުމެވެ.
އެކަން އެންމެ ބޮޑަށް އެނގިގެންދާ އެއްސަބަބަކީ ޒިނޭކުރުމަކީ ތިމާއަށް ލިބިގެންވާ ޙައްޤެއްކަމަށް ވަކާލާތުކުރާ މީހުން، އެމީހުންގެ މައިން އެއްބަޑު އަންހެނުން ޒިނޭކުރަން ނުރުހޭކަމެވެ. އެމީހުންގެ ޢިއްފަތްތެރިކަން ޙިމާޔަތްކުރަން ބޭނުންވާ ކަމެވެ. މީގެ އިތުރުން އެމީހުންގެ އަނބިން ޒިނޭކުރަން ނުރުހޭ ކަމެވެ. ތަހްޒީބުގެ މައްޗަށް ތަހުޒީބްވެގެން ތިބި ބައަކު ނޫނީ މިކަންކަން ޤަބޫލުކުރާނީ ހަމަ މިގޮތަށެވެ!
މިއީ ކޮންމެހެން ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބޭނުންވާ ކަމެއްވެސް ނޫނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ވަށައިގެންވާ މީހުންގެ ޙާލަތަށް ވިސްނައިލާށެވެ! ފާހިޝް އަމަލުތައް ކުރާ މީހުންނަށް ލިބޭ ތަނަވަސްކަމުން ފައިދާނުކުރާކަމާއި އަދި އެއީ ލިބިފައިވާ ތަނަވަސްކަން ގެއްލިގެންދާ ސަބަބެއްކަން އެނގޭނެއެވެ. އަދި ޢާއިލީ ދިރިއުޅުމަށް އެކަމުގެ އަސަރު ތަފާތު ގޮތްގޮތުން ކުރާކަމާއި ޒަވާޖީ ޙަޔާތް ބަރުބާދުވެގެންދާ އެންމެ އެންމެ ބޮޑު އެއްސަބަބަކީ ފާހިޝް އަމަލުކުރުންކަން އެނގޭނެއެވެ.
ޒިނޭކުރުން ދުނިޔޭގައި ޢާންމު ކުރަން އެންމެ ފައުޅުކަން ބޮޑުގޮތެއްގައި ހިންގި އެންމެ ބޮޑު އެއްޖަރީމާއަކީ ރައްކަތެރިކަމުގެ ފިޔަވަޅު ޕްރަމޯޓުކުރުމެވެ. އެ ޕްރަމޯޝަނާއިއެކު ގިނަ ބައަކަށް ޤަބޫލުކުރެވުނީ ޞިއްހީގޮތުން ގައިން ގައަށް ބަލި ނާރާނެ ފިޔަވަޅު އެޅުމުން ޒިނޭކުރުމުން ރައްކައުތެރިކަން ހޯދުނީ ކަމަށެވެ. ރައްކައުތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބެ އެއްވެސް ބިރެއް ނެތި ޒިނޭކުރަމުން ގެންދަންވީ ކަމަށެވެ.
މިގޮތަށް ވިސްނާ މީހުންނަށް ނުއެނގޭ ކަމަކީ ﷲ ތަޢާލާ ބަލިމަޑުކަމެއް ނުވަތަ މުޞީބާތެއް ކުރިމަތި ކުރައްވަވަން ބޭނުންފުޅުވެވޮޑިގެންފިނަމަ ނުވަތަ އިރާދަ ކުރައްވައިފިނަމަ އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއް ނުއޮންނާނެ ކަމެވެ. މިއީ މުޖުތަމައުގައި ޢާންމުވެފައިވާ އެންމެ ބޮޑު އެއް ވަބާ ކަމަށް ދީނީ ޢިލްމުވެރިން ފާހަގަކުރައްވަވައެވެ.
މިކަމާއި ގުޅިގެން ޝައިޚް ޝަފީޢު ޢަބްދުﷲ ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ޒިނޭ ކުރީމާ ދުނިޔެ މަތީގައި ފަހަރެއްގައި ސަލާމަތްވެވުނު ނަމަވެސް ނަރަކައިގެ އަލިފާނުން ސަލާމަތްވާނެތޯ؟ ސުވާލުކުރައްވައިފައެވެ.
ޝައިޚް ޝަފީޢް ޢަބްދުﷲގެ ބަސްފުޅު:
ނަހަލާލަށް ބަލިވެ އިންނާތީ، ބަލިވެ ނުއިންނާނެ އޮޕަރޭޝަން ކުރުމާއި، ރައްކާތެރިކަމާއެކު ޖިންސީ ގުޅުން ހިންގާނެ ގޮތް ދަސްކޮށްދިނުމަކީ އަސްލު މައްސަލައިގެ ފަރުވާއެއް ނޫނެވެ. އެކަމަށް ވަކާލާތު ކުރުމުން، ދޭހަވެގެންދަނީ، ޒިނޭ ކުރުމަކީ މައްސަލައެއް ނޫންކަމެވެ. މައްސަލައަކީ، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި އެކަން ކުރުންކަމެވެ.
ނަމަވެސް، މިފިޔަވަޅުތަކުން، ދުނިޔެ މަތީގައި، ފަހަރެއްގައި ސަލާމަތްވެދާނެއެވެ. އެކަމަކު، ނަރަކައިގެ އަލިފާނުން ސަލާމަތްވާނެތޯއެވެ؟ އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދަރިން ނަރަކައިގެ އަލިފާނުން ސަލާމަތް ކުރާށެވެ.
ނަމަވެސް މިކަންކަމަށް ވަކާލާތު ކުރާ މީހުން ބުނެފާނެއެވެ. ތިމަންނަމެން ޒިނޭއަށް ހިއްވަރު ނުދެމެވެ. މުޖުތަމަޢުގައި ޒިނޭ ގިނަވެ، ޒިނޭކޮށްގެން ވިހާ މީހުން ގިނަވެ، ޒިނޭގެ ދަރިން ގިނަވެ، އެކުދިންނަށް ނިކަމެތިކަން ދިމާވެ، ބާރުގަދަ މަސްތުވާ އެއްޗެހި ބޭނުން ކުރާތީ، އެކަމަށް އެޅިދާނެ ފިޔަވަޅަކާމެދު ވަކާލާތު ކުރަނީ ކަމަށެވެ. އެކަމަށް އޮތް ފިޔަވަޅަކީ، ނުވިހާ އޮޕަރޭޝަން ކުރުން ނޫންތޯ ސުވާލުވެސް ކޮށްފާނެއެވެ.
އެއަށް ބުނެލަން އޮތީ، ތިޔަ ވާހަކައިން މުޖުތަމަޢުގައި ވަރަށް މައްސަލަ ހުރިކަން ޔަޤީންވެއްޖެއެވެ. އަދި ތިއަ މައްސަލަތަކުގެ އަސްލަށް ވާސިލުވެ، ތިއަ މައްސަލަތަށް ދިމާވާން ޖެހޭ، އަސްލު މައްސަލަ ނައްތާލަން ޖެހޭކަން ޔަޤީންވެއްޖެއެވެ. ކަމެއްގެ ނަތީޖާ ނައްތައިލުމަކީ ހައްލެއް ނޫނެވެ. ޙައްލު ހޯދަން ބޭނުންނަމަ އެ ނަތީޖާ ނެރުނު ޙާލަތު ނައްތައިލަން ޖެހޭނެއެވެ.
އަސްލު މައްސަލައަކީ ޒިނޭއެވެ. ޒިނޭގެ ނުބައި ވަބާއަށް މުޖުތަމަޢުގެ ބޮޑު ބައެއް ވެއްޓުމެވެ. މީގެއިން އެނގެނީ، އިސްލާމީ މުޖުތަމަޢެއްގެ ގޮތުގައި، އަޅުގަނޑުމެން ފެއިލްވެފައިވާ މިންވަރެވެ
ނަހަލާލަށް ކުދިން ވިހެމުގެ މައްސަލަ ފެށެނީ ވަރަށް ދުރުންނެވެ. އެއީ އިސްލާމީ ރަނގަޅު ތަރުބިއްޔަތާއި ތަޢުލީމު ދަރިންނަށް ދެވިފައި ނެތުމުންނެވެ. ފާހިޝް ކަންކަމަށް ހުޅުވާލެވިފައިވާ ދޮރުތައް ގިނަވުމުންނެވެ. އެފަދަ ދޮރުތަކުން ޒުވާނުން ވަދެ، މާތް ﷲ ޙަރާމްކުރައްވާފައިވާ ފާޙިޝް ހަޑިމުޑުދާރު ޒިނޭގެ ފާފައަށް އަރައިގަތުމަކީ އެއްވެސް މައްސަލައެއްކަމަށް މުޖުތަމަޢުން ނުދެކެއެވެ.
ނަމަވެސް މިއީ ކުޑަކަމެއް ނޫނެވެ. މިއީ މާތް ﷲ ގެ ޙަޟްރަތުގައި ބޮޑުވެގެންވާ ފާފައެކެވެ. އެހެންކަމުން، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ބެލެނިވެރިންނާއި، ސަރުކާރުގެ ތަޢުލީމާ ބެހޭ ވުޒާރާއިންނެވެ. އަސްލު ފަރުވާއަކީ، ޒިނޭގެ ވަބާއިން ޒުވާނުން ދުރުކުރަން މަސައްކަތްކުރުމެވެ. އަސްލު ފަރުވާއަކީ މާތް ﷲ އަށް ބިރުވެތިވާ ޖީލެއް ބިނާކުރުމެވެ. އަސްލު ފަރުވާއަކީ، އިސްލާމީ ތަރުބިއްޔަތާއި ތަޢުލީމު އިތުރަށް ފުޅާ ކުރުމެވެ. އަސްލު ފަރުވާއަކީ، ފަޙިޝް ކަންކަމަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމެވެ.