އަޅުގަނޑުގެ މައިންބަފައިންވަނީ ދުނިޔެ ދޫކޮށްފައެވެ. އަޅުގަނޑު ޢިމާރާތެއް މިކުރީ މައިންބަފައިންގެ ފަރާތުން ލިބުނު ބިމުގައެވެ. އަޅުގަނޑު ބޭނުންވަނީ މިޢިމާރާތުން އެމީހުންނަށް ފައިދާކުރާނެ ގޮތެކެވެ. އަޅުކަމެއްގެ ގޮތުންނެވެ. އެއީ ކުރެވިދާނެ ކަމެއްތޯ؟
މިސުވާލު ބައެއް މީހުންނާއި ކޮށްފީމެވެ. ދިނީ ތަފާތު ޖަވާބުތަކެކެވެ.
ކިޔުންތެރިޔާއަށް ބުނެލަން އޮތީ މިޖަވާބުވެސް ތަފާތުވެދާނެއެވެ. ނަމަވެސް މިއީ ތިއަކަން ކުރަން އެންމެ ފައިދާހުރިގޮތެވެ. އިން ޝާ ﷲ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
މަރުވެފައިވާ މީހަކަށް ފްލެޓްދޭ ވާހަކަ ބުނީމާ ތިއަދައްކަނީ މޮޔަވާހަކައެއް ކަމަށް ބުނެފާނެއެވެ. ނަމަވެސް އެއީ ކުރެވެން އޮތް ކަމެކެވެ. ދުނިޔޭގައި ހުރި މީހަކަށް ފްލެޓްދީފިނަމަ އެމީހަކު އެތަނުގައި ދިރިއުޅެފާނެއެވެ. މަރުވެފައިވާ މީހަކަށް ދިންނަނަމަވެސް އެމީހަކަށް އެތަނަކު ދިރިނުއުޅެވޭނެއެވެ. ނަމަވެސް އެފްލެޓުގެ ސަބަބުން އެމީހުންނަށް ޘަވާބު އިތުރުވަމުންދާނަމަ އެއޮތީ އެމީހުންނަށްވެސް ފްލެޓް ދެވިފައި ނޫންހެއްޔެވެ؟
ހަމަދާދި ފަހުން އިނގިރޭސިވިލާތުގެ މުސްލިމަކު ވަނީ އޭނާ އިމާރާތްކުރި ޓަވަރެއްގެ ދެ ބުރި ވަޤްފް ބިނާއެއް ކަމުގައި ހަމަޖައްސައި އެ ބިނާއިން ލިބޭ ފައިސާއަކީ އޭނާގެ މައިންބަފައިންނަށް ކުރި ޞަދަޤާތެއް ކަމުގައި ހަމަޖައްސައިފައެވެ. އެއިރުން އެތަނުން ވަޤުފް ފަންޑަށް ލިބޭ އާމްދަނީ ވެގެންދާނީ ދެމެހެއްޓެނިވި ގޮތެއްގައި އެމީހުންނަށް ޞަދަޤާތުގެ ފައިދާ ލިބިލިބި ހުންނަ ކަމަކަށެވެ!
ބައެއް މުސްލިމުން ވަނީ އެމީހުންގެ މަރުވެފައިވާ އަނބިންނަށްޓަކައި ވެސް އަދި މަރުވެފައިވާ ދަރިންނަށްޓަކައިވެސް މިފަދަ ޞަދަޤާތްތައް ކޮށްފައެވެ. މިކަންކަމަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ފައިދާހުރި ކަންކަމެވެ.
މަރުވެފައިވާ މީހާއަށް އެކަންކަމުގެ ސަބަބުން ފައިދާ ކުރުމުގެ އިތުރުން އެކަންކުރި މީހަކަށްވެސް އެކަމުގެ ފައިދާ ލިބެމުންދާނެއެވެ. މަރުވެފައިވާ މީހުންގެ ހަނދާން އައުކުރުމަށްޓަކައި ކުރަންވީ މަރުވެފައިވީ މީހުންނަށް އާޚިރަތުގައި ފައިދާކުރާނެ ކަންކަމެވެ.
ތިބާގެ މައިންބަފައިން ނުވަތަ ބައިވެރިޔާ ނުވަތަ ދަރިއަކު މަރުވާފަހުން ގެ ބުރިބުރިއަށް އެޅުނު ނަމަވެސް އެމީހުންނަށް ފްލެޓް ދިނުމަކީ ގެއިން އެމީހުންނަށް މިންވަރެއް ޚާއްޞަކޮށް އެތަނުން ލިބޭ ކުލި އެމީހުންގެ ނަމުގައި ޞަދަޤާތްކުރުން، މީހުން އުމްރާއަށް ފޮނުވުން އަދި ސްކޫލް މަދުރަސާތަކަށް އެހީތެރިވުން ފަދަ އާޚިރަތް ދުވަހު އެމީހުންނަށް ފައިދާކުރާނެ ކަންކަން ކުރުމެވެ. އެމީހުން މަރުވެފައިވީނަމަވެސް ޘަވާބު އިތުރުކޮށްދެއްވަވާނެ ކަންކަން ކުރުމެވެ.
ހަޔާތުގެ ކޮންމެ ދުވަހަކީވެސް މަރުވެފައިވާ ޢާއިލާގެ މީހުންގެ މަތިން ހަނދުމަކޮށް އެމީހުންގެ މައްޗަށް ހެޔޮދުޢާކުރާ ދުވަހަކަށް ހަދާށެވެ. އެއީ އަހަރެމެންނަށް ކުރަން ޖެހޭނެ ކަމެކެވެ. އަދި ތަނަވަސްކަން ހުރި މިންވަރަކުން ޞަދަޤާތްވެސް ކުރާށެވެ! މިސްކިތްތަކާއި ސްކޫލްތައްވެސް އަޅާށެވެ! އެކަންކަން ކުރުމުން މަރުވެފައިވާ މީހުންނަށް އެކަންކަމުގެ ފައިދާ ކުރާނެއެވެ. އަދި އެކަންކަން ކުރި މީހަކަށްވެސް އެކަމުގެ ފައިދާކުރާށެވެ!
ދީނުގެ އިލްމާއި މުޖުތަމައުއަށް ފައިދާކުރާނެ ޢިލްމު މީސްތަކުންނަށް އުނގަންނައި ދިނުމަކީވެސް ކުރަން ވަރަށް ފައިދާހުރި ކަމެކެވެ. އެއިރުން އުނގެނު މީހާ ކުރާ ޚިދުމަތުން އެކަމަށް މަގުފަހިކޮށްދިން މީހަކަށް ދާނީ ފައިދާކުރަމުންނެވެ.
މިފަދަ ބޮޑެތި ހޭދަތައް ކުރެވެން ނެތް މީހުން ވެސް މާޔޫސްވާކަށް ނުޖެހެއެވެ. އެހެނީ އެމީހާގެ ޙާލަތު ﷲ ތަޢަލާ ދެނެވޮޑިގެންވެއެވެ. އެފަދަ މީހުން ދުޢާކުރުން ގިނަކުރާށެވެ! އެދުޢާގެ ފައިދާ ދުޢާކުރާ މީހާއަށްވެސް ކުރާނެއެވެ!
ދަރިންނާއި މައިން ބަފައިން މަރުވުމުން އެމީހުން މަރުވި ދުވަސް ބައެއް މީހުން ފާހަގަކުރެއެވެ. މިއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ސުވާލަކީ މަރުވިތާ އަހަރު ފުރޭ ދުވަސް ފާހަގަކުރުމުން ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަހަރުގެ ދެން ފާއިތުވި 364 ދުވަހު އެ ދަރިންނާއި މައިން ބަފައިން މަތިން ހަނދާންކުރިން ހެއްޔެވެ؟ އެމީހުންނަށް ފައިދާ ކުރާނެ އެއްވެސް ކަމެއް ކުރިން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން