އެދުވަސް އައުމުން ދުނިޔެއާ މީސްތަކުންނަށް ޖެހޭނެ ނިކަމެތި ޙާލާއިމެދު އެބަވިސްނަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 45ސ
އެދުވަސް އައުމުން ދުނިޔެއާ މީސްތަކުންނަށް ޖެހޭނެ ނިކަމެތި ޙާލާއިމެދު އެބަވިސްނަމުތަ؟

ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިދުނިޔޭގެ ޙަޔާތް ލައްވާފައިވަނީ އަބަދަށް ދާއިމަށް ދެމިގެންވާ އެއްޗެއްގެ ގޮތުގައެއް ނޫނެވެ. އެހެނެއްކަމަކު މި ޙަޔާތް ލައްވާފައިވަނީ ނެތިވެ ފަނާވެގެންދާނެ އެއްޗެއްގެ ގޮތުގައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި އިލާހީ ޤާނޫނުން ބޭރުވުމުގެ ބާރެއް ހަމަހިލާ އެއްވެސް މަޚްލޫޤަކަށް ލިބިގެނެއްނުވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

”كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ” (آل عمران:185) ” ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ދެކޭނެ ނަފްސެކެވެ.” އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. “كُلُّ مَنْ عَلَيْهَا فَانٍ  وَيَبْقَى وَجْهُ رَبِّكَ ذُو الْجَلاَلِ وَالإِكْرَامِ" (الرحمن:26-27)  

” އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި މާތްވަންތަކަމުގެ ވެރި ރަސްކަލާނގެ ޛާތުފުޅު ދެމިވޮޑިގެންވެއެވެ" 

މި ފަނާވެދަނިވި ޙަޔާތް ހެއްދެވި ދިރިދެމިގެންވާ، ކާއިނާތުގެ މިލްކުވެރި އިލާހު ވަނީ އެއިލާހުގެ ޙިކްމަތްވަންތަކަމުން މި ޙަޔާތުގައި އަހަރެމެން ހޭދަކުރާނެ ވަޤުތު ކަނޑައަޅުއްވާ ނިންމަވާފައެވެ. އެވަޤުތު އަވަސްކުރުމުގެ އަދި ލަސްކުރުމުގެ ބާރެއް އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. އެވަޤުތު ހަމަޖެހޭއިރަށް މި ޙަޔާތާ އަލްވަދާޢު ކިޔަންޖެހޭނެއެވެ.  

މިކަން ބަޔާންކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ. “فَإِذَا جَاءَ أَجَلُهُمْ لا يَسْتَأْخِرُونَ سَاعَةً وَلا يَسْتَقْدِمُونَ” (النحل: 61)

"ފަހެ އެބައިމީހުންގެ އަޖަލު އައިސް ޖެހިއްޖެނަމަ އެންމެ ހިނދުކޮޅެއްގެ މިންވަރުވެސް ލަސްނުކުރެވޭހުއްޓެވެ. އަދި އެންމެ ހިނދުކޮޅެއްގެ މިންވަރު އަވަސްވެސް ނުކުރެވޭހުއްޓެވެ." 

އާދެ ދުނިޔޭގެ މި ކުޑަވަޤުތުކޮޅުގެ ޙަޔާތަށް ނިމުމެއް އައުމަށް ފަހު އެހާހިސާބުން އަދި ބައެއްމީހުން ހީކުރާގޮތަށް ހުރިހާކަމެއް ނިމުނީއެއްނޫނެވެ. އެފަދަމީހުން ބުނާ ބުނުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ ފޮތުގައި ބަޔާންކުރައްވާފައެވެ.  

ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ. “إِنْ هِيَ إِلاَّ حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ” (المؤمنون: 37) 

"އެ ދިރުއުޅުމަކީ، ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ތިމަންމެން މަރުވަމެވެ. އަދި ދިރިއުޅެމުއެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ." 

ކޮންމެއަކަސް މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމާއި މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރަސޫލުކަމުގެ ތެދުކަން ޤަބޫލުކުރާ މީހުންގެ ޢަޤީދާއެއްނޫނެވެ. އަހަރެމެންނަކީ މިދުނިޔޭގެ ޙަޔާތަށް ފަހު އަދި އުޚްރަވީ ޙަޔާތެއް ވާކަން ހިތުން ތެދުކޮށް ކަށަވަރުކޮށްގެން ތިބި ބަޔަކީމުއެވެ. އަދި ހަމައެއާއެކު އަހަރެމެންނަކީ، ޤިޔާމަތް ދުވަހަކީ ނައިސްނުދާނެ ދުވަހެއްކަން ހިތުން ތެދުކޮށް ޤަބޫލުކޮށްގެން ތިބި ބަޔަކީމުއެވެ.  

ﷲ ސުބުޙާނަހޫ ވަތަޢާލާ އެދުވަހުގައި އަހަރެމެން އެއެއްޗެއްގެ ބުރަކަށިމަތީގައި ހިނގާބިނގާވެ މި އުޅޭ ބިމާއި، އަހަރެމެންގެ ބޯމަތީގައިމިވާ އުޑާއި، ފެންނަން މިހިރަ ބޮޑު ބިޔަ ފަރުބަދަތަކާއި އަދި ޚުދު އިންސާނުންނަށް އެދުވަހުން ވެގެންދާނެގޮތް އެއިލާހުގެ ފޮތުގައި ވަނީ ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވާފައެވެ. އެއިލާހު ވަޙީކުރައްވާފައިވާވެއެވެ.  

"إِذَا رُجَّتِ الأَرْضُ رَجًّا * وَبُسَّتِ الْجِبَالُ بَسًّا *فَكَانَتْ هَبَاءً مُنْبَثًّا" (الواقية: 37)  

"ބިންގަނޑު ގަދަފަދައަށް ހެލިގެންފި ހިނދެވެ. އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެ ހިނދެވެ. ފަހެ، ވަޔާ ބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެ ހިނދެވެ." 

"وَانْشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ" (الحاقة: 16)  

"އަދި އުޑު ފަޅަފަޅައިގެން ދާނެތެވެ. ފަހެ އެދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ"

"يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ * وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنْفُوشِ" (القارعة: 4-5)

"ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުން ވާނޭ ދުވަހެވެ. އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭ ދުވަހެވެ."

މިއީ އެދުވަހުން މިކައުނަށް އަންނާނެ ބޮޑު އިންޤިލާބުގެ ސިފަތަކެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ވިސްނާލާށެވެ. މިފަދަ ނުރައްކާތެރިކަން ބޮޑުވެގެންވާ ދުވަހެއްގައި އަހަރެމެން މި ނިކަމެތި އިންސާނުންގެ ޙާލު ހުންނާނީ ކިހިނެއްހެއްޔެވެ؟ އެދުވަހުން އިންސާނުންގެ ޙާލު ހުންނާނެ ގޮތް ތަޞައްވަރުކުރެއްވުމަށް ކީރިތި ޤުރުއާނަށް ރުޖޫޢަވަމާހިނގާށެވެ.  

ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ: "يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ * يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَى وَمَا هُمْ بِسُكَارَى وَلَكِنَّ عَذَابَ اللَّهِ شَدِيدٌ" (الحج: 1-2) 

"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން ޤިޔާމަތްވުމުގެ ބިންހެލުމަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުންނަށް އެ ޒަލްޒަލާ ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިތިބޭ ބަޔަކުފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު ﷲ ގެ ޢަޛާބު ގަދަފަދައީއެވެ." 

- ޝައިޚް އަޙްމަދު ރިމާޒްގެ ލިޔުއްވުމަކުން

މިއަދު އޮންލައިން