ޢާއިޝަތު ރަފާޙް ޢަލީ
ﷲ ތަޢާލާ ރޫމް ސޫރަތުގެ 8 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
أَوَلَمْ يَتَفَكَّرُوا فِي أَنفُسِهِم ۗ مَّا خَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ وَأَجَلٍ مُّسَمًّى ۗ وَإِنَّ كَثِيرًا مِّنَ النَّاسِ بِلِقَاءِ رَبِّهِمْ لَكَافِرُونَ ﴿٨﴾
މާނައީ: "އަދި އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކާމެދު ފިކުރެއް ނުކުރޭހެއްޔެވެ؟ حق ގޮތުގައި، އަދި ކަނޑައެޅިގެންވާ أجل އަކަށް މެނުވީ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއް اللَّه ނަހައްދަވަތެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުން، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަމަށްވަނީ كافر ވެގެންކަން ކަށަވަރެވެ. (8)"
ދެން ނިކަން ޖަވާބުދީބަލާށެވެ! ދުނިޔެއަށް ބޭނުންވެގެން ތިއައުޅެނީ ކިހާދުވަހަކު ދުނިޔޭގައި ހުރެވޭނެ ކަމަށް ހެއްޔެވެ؟ ވަޤުތީ މަންޒިލެއްގެ ދަހިވެތިކަމުގައި އާޚިރަތް ނަގާލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ދާއިމީ މަންޒިލަކީ އެއީކަން ޔަޤީންވާއިރުވެސްމެއެވެ.
ﷲ ތަޢާލާއަށް ކާފިރުވި މީހުންގެ ނިމުން ހުރި ގޮތް:
ﷲ ތަޢާލާ ރޫމް ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ ۚ كَانُوا أَشَدَّ مِنْهُمْ قُوَّةً وَأَثَارُوا الْأَرْضَ وَعَمَرُوهَا أَكْثَرَ مِمَّا عَمَرُوهَا وَجَاءَتْهُمْ رُسُلُهُم بِالْبَيِّنَاتِ ۖ فَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ ﴿٩﴾
މާނައީ: އަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ ބާރުގަދަ ބަޔަކު ކަމުގައި، އެއުރެން (އެބަހީ: ކުރިން އުޅުނު މީހުން) ވިއެވެ. އަދި އެއުރެން ބިންގަނޑު (ދަނޑުގޮވާން ކުރުމަށާއި، معدن ތައް ނެރުމަށް) ތައްޔާރުކުރޫއެވެ. އަދި (مكة ގެ مشرك ން) އެ ބިން އާބާދުކުރި ވަރަށްވުރެ ބޮޑަށް، އެއުރެން އެ ބިން އާބާދުކުރޫއެވެ. އަދި އެއުރެންގެ رسول ން، ފާޅުވެގެންވާ معجزات ތަކާއިގެން، އެއުރެންގެ ގާތަށް ވަޑައިގަތެވެ. ފަހެ، اللَّه، އެއުރެންނަށް އަނިޔާކުރައްވާ ކަމުގައެއް ނުވެތެވެ. އެހެނެއްކަމަކު، އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާކުރާކަމުގައި ވިއެވެ. (9)