ދަރިފުޅު ގުޅާފައި މިބުނަނީ ގޭގައި ރޯވެ އަނދަމުންދާ ކަމަށެވެ. އެޙާލަތުގައި ކެތްތެރިވެ ގޭގައި އިނުމަށް ބުނަން ހެޔޮވެދާނެ ހެއްޔެވެ؟ ބުނަން ޖެހޭނީ ނުކުމެވެން އޮތް ގޮތަކަށް އަވަހަށް ގެއިން ނުކުންނަން ނޫންހެއްޔެވެ؟ އަދި ކޮންމެ މީހަކު ކޮންމެ ގޮތަކަށް ބުނި ނަމަވެސް މަސައްކަތްކުރަންޖެހޭނީ ނުކުމެވެން އޮތް ގޮތަކަށް އަވަހަށް ގެއިން ނުކުންނަން ނޫންހެއްޔެވެ؟
އަހުރެން މިބުނި މިޘާލުގެ މަޤްޞަދު މިކިޔައިދެނީއެވެ.
ބައެއް މައިން އެމީހުންނަށް ފިރިންގެ ކިބައިން އަނިޔާލިބެމުންދާއިރުވެސް ދަރިންގެނަށްޓަކައި، ދަރިންގެ ހައްޤުގައި ކެތްތެރިވާން މަސައްކަތްކުރެއެވެ. މިއީ ވަރަށް ވިސްނުންތެރިވާންޖެހޭ މަރުޙަލާ އެކެވެ. ސަބަބަކީ ކޮންމެ ކަމެއްގައިވެސް އެމީހެއްގެ އަމިއްލަ ނަފްސްގެ ޙާލަތަށް ބެލުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އަދި ދީނީ ގޮތުން ގެއްލެނިވެގެންދާ މީހަކު ކަމުގައި ވެގެންނުވާނެއެވެ.
ބައިވެރިޔާގެ ކިބައިން ފެންނާނެ ހުރިހާ ކަންކަމަކީ ތިމާ އެންމެ ހިތްއެދޭ ކަންކަމަށް ނުވުމަކީ ތަފާތު މައްސަލައެކެވެ. އަދި އެއީ ސަތޭކައިން ސަތޭކަ ޙައްލުކުރެވޭނެ ކަމެއްވެސް ނޫނެވެ. ކޮންމެވެސް މިންވަރެއްގެ މައްސަލަތަކާއި ކަންބޮޑުވުންތަކެއް އަބަދުވެސް ދިރިއުޅުމުގައި ދާނީ ކުރިމަތިވަމުންނެވެ. އެކަން ދެމަފިރިންވެސް ޤަބޫލުކުރަންވާނެއެވެ.
އެކަންކަން ޙައްލުކުރަން މަސައްކަތްކުރަން ޖެހޭނެއެވެ. އަދި އެކަންކަމަށް ކެތްތެރިވާންވެސް ޖެހޭނެއެވެ. ތިމާގެ ދިރިއުޅުމަކީ ހުރިހާ މައްސަލަތަކަކުން ސަލާމަތްވެ އެއްވެސް ހިތްދަތިކަމެއް ނެތް ދިރިއުޅުމަކަށް ވާނެކަމަށް ހަމަ އެކަކުވެސް ވިސްނައިގެން ނުވާނެއެވެ.
ކޮންމެއަކަސް ދައްކަން ބޭނުންވަނީ ދަރިންގެ ޙައްޤުގައިވެސް ކެތްތެރިވެހުރެގެން ނުވާނެ ޙާލަތުގެ ވާހަކައެވެ. އެއިގެ ތެރެއިން ފުރަތަމަ ޙާލަތަކީ ބައިވެރިޔާ ނަމާދުނުކުރުމެވެ. 2 ވަނަ ޙާލަތަކީ ހިލޭ މީހުންނާއި ގުޅުން ބާއްވައި ޒިނޭކުރުމެވެ. 3 ވަނަ ޙާލަތަކީ ދުލުން އަބަދު ނުބައި ބަސްތައް ބުނުމާއި ޖިސްމާނީ އަނިޔާ ކުރުމެވެ.
މި 3 ޙާލަތުގައިވެސް އެކަންކަން ޙައްލުކުރަން މުއްދަތެއްދީ ޙައްލު ނުކުރިނަމަ އޮތީ ދެމީހުން ވަކިވުމެވެ. ސަބަބަކީ ނަމާދު ނުކުރާނަމަ އެމީހަކު އެހުރީ ދީނުން ބޭރުވެގެންނެވެ. ޒިނޭކުރާނަމަ އެއީ ﷲ ތަޢާލާގެ ލައްނަތް ޙައްޤުވާ ކަމެކެވެ. އެކަމުގެ އަސަރު އެމީހެއްގެ ޢާއިލާއަށްވެސް ކުރާނެއެވެ. ބޮޑެތި މުޞީބާތްތައް ކުރިމަތިވާނެއެވެ.
ދެން މިބަޔާންކުރީ އެއްވެސް މީހަކަށް ކެތްތެރި ނުވެވޭނެ 2 ކަންތަކެވެ. ކެތްތެރިވެގެންވެސް ނުވާނެ 2 ކަންތަކެވެ. އެއީ ދުލުން ނުބައިބަސްތައް ބުނުމާއި ޖިސްމާނީ އަނިޔާކުރުމެވެ. މި 2 ކަންތަކަކީވެސް އެއްވެސް މީހަކަށް ކެތްތެރިވެވޭނެ ކަންކަމެއް ނޫނެވެ. ކެތްތެރިވާން މަސައްކަތްކުރާނަމަ ނަފްސް ބަލިކަށިވެ އިތުރު ތަކްލީފްތައް އުފުލަންޖެހުން އޮންނާނީ ދާދިގަތުގައެވެ.
މިކަންކަމަށް ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. މިއިން ކަމެއް ބައިވެރިޔާގެ ކިބައިގައި ހުރިނަމަ ފުރަތަމަ ކަމަކަށް ނަޞޭޙަތްތެރިވާށެވެ. އިޞްލާޙްވާން މުއްދަތެއްދޭށެވެ. އިޞްލާޙް ނުވިނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާށެވެ. އެކަން ނުކުރާނަމަ ވާނީ ތިމާ އަމިއްލައަށް ގެއްލެނިވެ ހަލާކުވެގެންދާ މީހުންގެ ތެރެއިންނެވެ.
- މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން