މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 30 އިންޖީނުގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ، ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ވިއުގަތައް އަޕްގްރޭޑްކުރުމާއި، އިންޖީނުގެތަކަށް ބޭނުންވާ ޖާގަ ތަނަވަސްކުރުމަށްޓަކައި ގިނަ މަޝްރޫޢުތަކެއް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.
ނަޖާޙް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އެކި ސަބަބުތަކާ ހުރެ ގިނަ މަސައްކަތްތަކެއް ހުއްޓިފައި ހުރި ނަމަވެސް، އޭގެ ތެރެއިން ކޮންމެހެން ފަށަންޖެހޭ މުހިންމު މަސައްކަތްތަކެއް އެބަހުއްޓެވެ. ޚާއްޞަކޮށް ބައެއް ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކާއި ޓޫރިޒަމް ޒޯންތަކާ ކައިރީގައި އިންޖީނުގެތައް ހުރުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ އިސް އަމާޒެކެވެ.
"30 މަޝްރޫޢުއެއް މިއަހަރު ފަށާނަން. ބައެއް މަސައްކަތްތައް މިހާރުވެސް ވަނީ ފެށިފައި. އޭގެ ތެރޭގައި 60 އިންސައްތަ އާއި 70 އިންސައްތަ މަސައްކަތް ނިމިފައި ހުއްޓިފައި ހުރި މަޝްރޫޢުތައްވެސް ހިމެނޭ. ސަރުކާރުގެ އަމާޒަކީ މި 30 އިންޖީނުގޭގެ މަސައްކަތް މިއަހަރު ފަށައި، ވީހާވެސް އަވަހަށް ނިންމާލުން،" އެމްޑީ ނަޖާޙް ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށްރަށުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކޮށް، އައު އިމާރާތްތައް ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 4 ރަށެއްގެ އިންޖީނުގެ އިމާރާތްކޮށް މުޅިން ނިންމާލެވިފައިވާ ކަމަށްވެސް ފެނަކައިން މަޢުލޫމާތުދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ތަރައްޤީކޮށް، ރައްޔިތުންނަށް ތަކްލީފަކަށް ނުވާނެހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.