މެލޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާލައިފިއެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، "މެލޭޝިޔާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ" ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މި މުބާރާތުގައި ރާއްޖެ ތަމްޞީލުކުރަން ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ފުރުޞަތު ލިބިފައިވަނީ ޖުމްލަ ދެ ބައިވެރިންނަށެވެ. އެއީ އަންހެން ބައިވެރިއަކާއި ފިރިހެން ބައިވެރިއެކެވެ. މުބާރާތް ބެހިފައިވަނީ މައިގަނޑު ދެ ކެޓެގަރީއަކަށެވެ. އެއީ މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ބަޔާއި، މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ބަޔެވެ.
ހިތުން ކިޔެވުމުގެ ބައިގައި ބައިވެރިވެވޭނީ 13 އަހަރާއި 25 އަހަރާ ދެމެދުގެ ހާފިޒުންނަށެވެ. އަދި މުޖައްވަދު ބައިގައި ބައިވެރިވެވޭނީ 18 އަހަރާއި 50 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ އާންމު ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ކުރީގައި މި މުބާރާތުގައި ބައިވެރިވެ އެއްވަނަ ހާސިލުކޮށްފައިވާ ފަރާތަކަށްނުވުން ހިމެނެއެވެ. މީގެ އިތުރުން، މި މުބާރާތުގައި ފާއިތުވެދިޔަ 3 އަހަރު ބައިވެރިވެ، މުބާރާތުގައި ކިޔަވާފައިވާ ފަރާތަކަށް ވެސް މިފަހަރު ބައިވެރިއެއް ނުވެވޭނެއެވެ.