އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސަސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރ އަލީ ހާޝިމް އެވެ. ސަސްއީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަވާދު އެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ މެރީނާގެ ފުރަތަމަ ފިޔަވަހީގައި އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ. މި މެރީނާ ތަރައްޤީވެ ނިމޭއިރު، ޔޮޓްފަހަރަށް ބޭނުންވާ މައިގަނޑު އަސާސީ ޚިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަނާއި ކަސްޓަމްސްގެ ޚިދުމަތްތައް ވެސް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި، މި މެރީނާ އޮޕަރޭޓްކޮށް އިތުރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ވެސް އެ ކުންފުނިން މިހާރު ދަނީ ކުރަމުންނެވެ. މިއީ އުލިގަމުގެ އިޤްތިސާދީ ކުރިއެރުމަށާއި، ރަށުގެ ރައްޔިތުންނަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

ހއ. އުލިގަމަކީ ރާއްޖޭގެ އުތުރުން ދަތުރުކުރާ ޔޮޓްތައް އާންމުކޮށް ބަނދަރުކުރާ ސްޓްރެޓީޖިކް ގޮތުން މުހިންމު މަންޒިލެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް، އެ ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވަނީ އެ ސަރަޙައްދުގެ އިޤްތިސާދީ ނަފާ އިތުރުކުރުމުގެ މުހިންމު އަމާޒެއްގެ ދަށުންނެވެ.

މިއަދު އޮންލައިން