މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ފޭސް 1 ގައި ހިމެނޭ ބާކީ މަސައްކަތްތައް އަންނަ ހޮނިހިރު ދުވަހު ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން މިފަހަރު ފެށުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނު މަގުގެ ފޭސް 1 ގައި ހިމެނޭ ބާކީ 4 ސެގްމަންޓްގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ފޭސް 1 ކަނޑައެޅިފައިވަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށެވެ. މީގެ ތެރެއިން ސެގްމަންޓް 1 ގެ ގޮތުގައި ހިމެނޭ ލޯކަލް މާރުކޭޓުން ފެށިގެން އިއްޒުއްދީނު ފާލަމާ ހަމައަށް މިހާރު ވަނީ ތާރުއަޅާ ތަރައްޤީކޮށްފައެވެ. މި ސަރަޙައްދު ނިންމައި ޢާންމު ދަތުރުފަތުރަށް ހުޅުވާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވާގޮތުގައި، ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބާކީ 4 ސެގްމަންޓްގެ މަސައްކަތް ކުރިއަށް ގެންދާނީ އެކުއެކީގައެވެ. މި ބައިގައި ހިމެނެނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް 700 މީޓަރުގެ ސަރަޙައްދެވެ.
މި މަސައްކަތް ފެށުމާއެކު، އެ ސަރަޙައްދުގެ ދަތުރުފަތުރަށް ބައެއް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާތީ، އާންމުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ މާލޭގެ ބޮޑެތި މަގުތައް ވީހާވެސް އަވަހަށް ތަރައްޤީކޮށް ނިންމުމަށެވެ.