މާލޭގެ ކުރީގެ ޣާޒީ ބިލްޑިންގ ހުރި ބިމުގައި ހިތްފަސޭހަ ޕާކެއް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވައި، އެ މަސައްކަތުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އެ ކުންފުންޏާ ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ ބިން ސާފުކުރުމުގެ މަސައްކަތާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބިމުގެ ވަށައިގެން ޓިނު ޖެހުމުގެ މަސައްކަތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަޒީމް އިތުރަށް ވިދާޅުވީ، މި ޕާކު ތަރައްޤީ ކުރަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ތައްޔާރުކޮށްފައިވާ ޑިޒައިނާ އެއްގޮތަށް ކަމަށެވެ. އެގޮތުން މިތަނަކީ ކުޑަކުދިންނަށް އުފާވެރި މާޙައުލެއްގައި ކުޅެލެވޭނެ ފަދަ ވަޞީލަތްތަކާއެކު ތަރައްޤީކުރާ ތަނެއްގެ އިތުރުން، ބޮޑެތި މީހުންނަށްވެސް މަޑުކޮށްލައިގެން އިށީނދެ ތިބެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ހިތްފަސޭހަ މައިޒާނަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާރްޑީސީގެ އަމާޒަކީ ސަރުކާރުން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންގޮސް، ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި ޕާކުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލުން ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މާލޭގެ ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލުތައް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ. ޣާޒީ ބިލްޑިންގަކީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ އެކި އޮފީސްތައް ހިންގި ބާ ބޮޑު އިމާރާތަކަށް ވުމުން، އެ އިމާރާތް ތަޅާލުމަށްފަހު އެ ބިން ހުސްކުރީ އެ ސަރަޙައްދުގައި ހިތްފަސޭހަ ތަނެއް ބިނާކުރުމުގެ މަޤްޞަދުގައެވެ.