ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއަރޕާސަން ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވުމާ ގުޅިގެން، އޭނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވުމާ ގުޅިގެން މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭނާ ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. މުޢިއްޒަކީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތް ކުރައްވަމުން ގެންދެވި މުވައްޒަފެއްގެ އިތުރުން، އެ ކުންފުނީގެ މުވައްޒަފުންގެ ކްލަބުގެ ރައީސްވެސްމެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެޗްޑީސީ ކްލަބުގެ ރައީސްގެ ހައިސިއްޔަތުން މުޢިއްޒަކީ ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ތަޢުޒިޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މުޢިއްޒުގެ ޢާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނަށް އަދި އެޗްޑީސީގެ ހުރިހާ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވަމުންނެވެ. އަދި މަރުޙޫމްގެ ފުރާނައަށް މާތްﷲގެ ތަނަވަސް ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ.
ޢަބްދުލްމުޢިއްޒު ޙަސަނަކީ ރާއްޖޭގެ ތެލެސީމިއާ ކުދިންގެ ޙައްޤުތަކަށް ވަކާލާތުކުރުމާއި، އެ ކުދިންގެ ޝުޢޫރުތައް ފާޅުކުރުމުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރެއްވި ޚިދުމަތްތެރިއެކެވެ.