ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިންނަށް ފަސޭހަ މަގުތަކެއް ތަނަވަސްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 90 ކަނދުފަތި އަޅާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ސަރުކާރުން މިހާތަނަށް އަޅާފައިވަނީ ދެ ބާވަތެއްގެ ކަނދުފައްޗެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިން ނުވަތަ މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ ވަދު ކަނދުފައްޗެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް މުޅި ރާއްޖޭގައި ޖުމްލަ 42 ދޮށީގެ ކަނދުފައްޗާއި 48 ވަދު ކަނދުފަތި ވަނީ އަޅާފައެވެ.
ދޮށީގެ ކަނދުފަތިތަކަކީ އާންމުކޮށް ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރަށް އަމާޒުކޮށްގެން، މަސް ބާނާ މިންވަރު އިތުރުކުރުމަށް އަޅާފައިވާ ވަސީލަތްތަކެކެވެ. އަދި ވަދު ކަނދުފަތިތަކަކީ ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމަށް މަސްވެރިކަން ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް އަޅާފައިވާ ކަނދުފަތިތަކެކެވެ.
މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތަކަށްވާއިރު، މިގޮތަށް ކަނދުފަތިތައް އެޅުމުގެ ސަބަބުން މަސްވެރިން މަސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް ކުރުވެ، ތެލަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް އެ ވުޒާރާއިން ދެކެއެވެ.