އޭނާއަކީ ހެޔޮލަފާ މީހެކެވެ. ރަމަޟާން މަހުވެސް އަޅުކަންކުރިއެވެ. ތަރާވީޙްނަމާދުވެސް ކުރިއެވެ. ފަހުދިހައިގަ ދަމުނަމާދުވެސް ކުރިއެވެ. އެހެންކަމާއިއެކުވެސް ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނަން އިތުރު މަސައްކަތެއް ނުކުރެއެވެ. ނިންމައިގެންހުރީ 27 ވިލޭރޭ އަޅުކަންކުރުން އިތުރުކުރުމަށެވެ.
އެހެންވެ ހަތާވީސްވިލޭރޭ ކުރިއާލައި ފަތިސްނަމާދަށް މިސްކިތަށް ދިއައެވެ. މަސްޖިދު ސުންނަތްކޮށްލައިގެން ޤުރްއާންކިޔަވަން ފެށިއެވެ. އޭނާއަކީ ރޭގަނޑު ކޮފީ ބޮއެފިނަމަ ނިދިއަންނަ މީހެއް ނޫނެވެ. އެރޭ ހުރީ ދަންވަރު ކޮފީވެސް ބޮއިގެންނެވެ. އެކަމަކު ކިޔަވަން ފެށިތަނުން ނިދިޖެހިއްޖެއެވެ. ކިޔެވޭނެ ގޮތެއް ނުވިއެވެ. ޖެހުނީ ފަތިސްނަމާދުކޮށްލައިގެން މިސްކިތުން ފައިބައިގެން އަންނާށެވެ. ނިންޖާއިހުރެ މިސްކިތުގައި މަޑުވެސްކޮށްނުލެވުނީއެވެ. ގެއަށް އައިސް ޖެހުނީ ޛިކުރުތައްވެސް ކިޔާނުލައި އަވަހަށް ނިދާށެވެ.
އަހުރެން އޭނާގެ މައްޗަށް ޙުކުމެއް ކުރަނީއެއް ނޫނެވެ. އެހެނަސް އޭނާއަށް އެދިމާވި ދެރަގޮތާއިމެދު ނިކަންވިސްނައިލަބަލާށެވެ. ކޮފީ ބުއިމުން އެހެން ރޭރޭ ނުނިދޭ މީހަކަށް އެރޭ އެދިމާވީ ކޮންފަދަ ދެރަގޮތެއް ހެއްޔެވެ؟
އާދޭސްކޮށްފައި ބުނަމެވެ. ލައިލަތުލްޤަދްރިވިލޭރޭގެ މަތިވެރިކަން ލިބިގަނެވޭނީ އެކަމަށް އެދިގެން މަސައްކަތްކުރީމައެވެ. ފަހުދިހައިގެ ހުރިހާ ރޭތަކުގައި މަސައްކަތްކުރީމައެވެ. އޮނަހިރި ޜޭތަކުގައި އިތުރަށް މަސައްކަތްކުރީމައެވެ. އެހެން ނޫންނަމަ އެވިސްނެނީ އެރޭ ﷲ ތަޢާލާ ސިއްރުކުރެއްވެވި ސަބަބާއިވެސް ޚިލާފަށެވެ. އެފަދަ ވިސްނުމަކުން ކުރާނެ އެއްވެސް ފައިޑާއެއް ނެތެވެ.
މިރަމަޟާން މަސް މިނިމެނީއެވެ. ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުނު މީހުން މިމީހާއަށް ދިމާވި ޙާލާއިމެދުގައި ވިސްނައިލިނަމަވެސް ޢިބްރަތަށް ފުދޭނެއެވެ. މިމަސް ދެން އަނބުރައެއް ނުހޯދޭނެއެވެ. ދެން އޮތް ، 2،3 ރޭވެސް ގަދައަޅައި މަސައްކަތްކުރާށެވެ. ދުޢާކުރުން ގިނަކުރާށެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އުންމީދުކުރާށެވެ! އަދި ހަމައެއާއިއެކު އަންނަ އަހަރުގެ ރަމަމާންމަހާއި ބައްދަލުވެއްޖެނަމަ ގަދައަޅައި މަސައްކަތްކުރަން މިހާރުންސުރެ ޢަޒުމް ކަނޑައަޅާށެވެ!